އެމެރިކާއިން ނައިޖީރިއާގައި ޙަރަކާތްތެރިވާ އައިސިލް ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ޙަމަލާތަކެއް ދީފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާގެ އެފްރިކާ ކޮމާންޑު، އެފްރިކޮމްއިން ބުނެފިއެވެ.
އެފަރިކޮމްއިން ބުނީ ޙަމަލާތައް ދީފައި ވަނީ ނައިޖީރިއާގެ ސަރުކާރާ ގުޅިގެން ކަމަށެވެ. ވައިގެ އިތުރު ޙަމަލާތައް ދީފައި ވަނީ މެއި މަހުގެ 17ވަނަ ދުވަހު ކަމަށާއި، ޙަމަލާތަކުގައި އެމެރިކާ އަދި ނައިޖީރިއާގެ ސިފައިންނަށް ޒަޚަމްވެފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެފްރިކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ އައިސިލްގެ ނިރުބަވެރިން ނައްތައިލުމަކީ އޭގެ ސަބަބުން އެ އެމެރިކާއައި އެމެރިކާގެ ބައިވެރިންގެ ސަލާމަތަށް ނުރައްކާ ކުރުމަށް އެ ޖަމާޢަތުން ކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއަށް ލިބިފައިވާ ޒަމާނީ އަސްކަރީ ޤާބިލިއްޔަތުކަމާއި ވަޞީލަތްތަކުގެ ބޭނުން ހިފައި، އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންނަށް ނުރައްކަލަކަށް ވެފައިވާ ކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަތީގައި ދެމިތިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއާއި ނައިޖީރިއާއިން ގުޅިގެން އައިސިލްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޙަމަލާއެއް ދީފައި މި ވަނީ އައިސިލްގެ އިސް ކޮމާންޑަރެއް ކަމަށްވާ އަބޫ ބިލާލް އަލް މިނޫކީ ނައްތާލާފައިވާ ކަމަށް ދެ ޤައުމުގެ ރައީސުން މީގެ ދެ ދުވަސް ކުރިން އިޢުލާނުކޮށްފައި ވަނިކޮށެވެ. އޭނާއަކީ 2015ވަނަ އަހަރު އައިސިލްއާ ގުޅުމުގެ ކުރިން ބޯކޯ ހަރާމްގެ އިސް ވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާ މީހެކެވެ.
ފާއިތުވި މަސްތަކުގައި އެމެރިކާއިން ވަނީ ނައިޖީރިއާގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ސިފައިން ނައިޖީރިއާއަށް ފޮނުވައިފައެވެ. އެމެރިކާއިން ދަނީ ނައިޖީރިއާއާއެކު ޖަސޫސީ މަޢުލޫމާތު ވެސް ޙިއްޞާ ކުރަމުންނެވެ. އަދި ޓެކްނިކަލް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.
ނައިޖީރިއާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު، ސަމައިލާ އުބާ ވިދާޅުވީ އެ ޤައުމުގައި އެމެރިކާގެ ސިފައިން ސީދާ ކުރިމަތިލުންތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް ނައިޖީރިއާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުން ފަންނީ ތަޖުރިބާ ޙިއްޞާ ކުރާނެ ކަމަށެވެ.