ޚަބަރު

ބާންލީ ބަލިކޮށް އާސެނަލް ލީގު ހޯދުމާއި ގާތަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބަރންލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ލީގު ހޯދުމާއި ގާތަށް ޖެހިލައިފި އެވެ.

މި މެޗުން އާސެނަލް މޮޅުވުމާއިއެކު ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެނަމަ ނުވަތަ ބޯންމަތު އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗުން އެ ޓީމު ބަލިވެއްޖެނަމަ, އާސެނަލް އަށް 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

ރޭގެ މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން ޖުމްލަ 82 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނި 77 ޕޮއިންޓެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 37 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން ކައި ހަވަޓްޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އާސެނަލް އަށް ވަނީ ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް އޭގެތެރެއިންވެސް އެންމެ ރަގަޅު ފުރުސަތެއް ލިބުނު އެބެރޭޗީ އެޒޭ އަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ވަނީ ނުވެފަ އެވެ.