ޚަބަރު

ބިން ހަވާލުނުކުރުމުން މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް ނުފެށިފައި!


  • ބާޒާރުމަތީގައި މާރުކޭޓު ކޮމްޕްލެކްސް ތަރައްޤީކުރަން ޙަވާލުކުރީ މާރިޗު މަހު

  • ދެ މަސްތެރޭ 4 ފަހަރަށް ސިޓީ ކައުންސިލަށް ބިން ހަމަޖައްސައިދިނުމަށް އެދިފައިވޭ

މާލޭ މަސް މާރުކެޓު އިމާރާތް ތަރައްޤީކުރުމަށް، ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަމަޖައްސަވާ ނުދެއްވާކަމުގެ ކަންބޮޑުވުން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަނެއްކާވެސް ފާޅުކުރައްވައިފިއެވެ. އެވުޒާރާއިންވަނީ ވެތުވެދިޔަ 2 މަސްދުވަހު މިކަމާ ގުޅޭގޮން ސިޓީ ކައުންސިލަށް އެކި ފަހަރުމަތިން މުއާމަލާތުކުރުމުންވެސް ބިން ހަމަޖައްސަވައި ނުދެއްވާކަން ފާހަގަކުރައްވާފައެވެ.

މާލޭގައި ހުރި ދުވަސްވީ މާރުކެޓުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މަރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސަވާދެއްވުމަށް ސިޓީ ކައުންސިލާ ތަކުރާރުކޮށް މުއާމަލާތުކޮށްގެންވެސް އެކަމަށް އެއްބާރުލުން ނުދޭކަމުގެ ކަނބޮޑުވުން ސަރުކާރުންވަނީ ފާޅުކުރައްވާފައެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، މާރުކޭޓު ހެދުމަށް ބިން ހަމަޖައްސަވާދެއްވުން އެދި ފުރަތަމަ ސިޓީ މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވަނީ މާރިޗު މަހުގެ 29 ވަނަ ދުވަހުކަމަށެވެ. އަދި މިމަޝްރޫޢަށް ފައިސާ ހަމަޖެހުމާއެކު މަޝްރޫޢުގެ ކޮންޓްރެކްޓަރު ބިމަށް ވަނުމުގެ ހުއްދައަށް އެދި ކޮންޓްރެކްޓަރުގެ ފަރާތުން އެދި އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ސިޓީއިން އެދުނުކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ބިން ހަވާލުކުރުމަށް އެދި 12 އޭޕްރީލްގައި ދެވަނަ ސިޓީ އަދި ތިންވަނަ ސިޓީ 3 މެއި ގައި އަދި މިމަހުގެ 18 ވަނަ ދުވަހު 4 ވަނަ ސިޓީ ފޮނުވާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި ބިން ހަވާލުކުރުމުގެ ކުރިން މާލެ ސިޓީ މޭޔަރު، ބިނާރާ ބެހޭ ވަޒީރާއި ބައްދުކުރައްވަން ބޭނުންފުޅުވާކަމަށް ބުނެ ސިޓީ ކައުންސިލުން އެވުޒާރާއަށް ސިޓީއަކުން ހުށައަޅާފައިވާކަމަށްވެސް ވުޒާރާއިންވަނީ ވިދާޅުވެފައެވެ.

ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ 2 މަސްދުވަހުގެ ތެރޭގައި ތަކުރާރުކޮށް މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބިން ހަވާލުކުރުމަށް އެދި ހުށައެޅުމުންވެސް އެކަމަށް ސިޓީ ކައުންސިލްގެ ފަރާތުން އިޖާބަ ދެއްވާފައިނުވާކަމަށެވެ. މިމަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހި، މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރު ތައްޔާރުވެފައިވާކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

މިމަސައްކަތް ނުފެށި ލަސްވާ ހަމައެކަނި ސަބަބަކީ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ސިޓީ ކައުންސިލްގެ ފަރާތުން ހުސްކޮށް ވުޒާރާއާއި ހަވާލުކޮށްފައި ނުވާތީކަން ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސައްކަތް ފަށާތާ 2 އަހަރުގެ ތެރޭގައި ނިންމާގޮތަށް ކަނޑައާޅާފައިވާ މިމަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވެގެންދިޔުމަކީ އޭގެ ތަކުލީފު މާލޭގައި ދިރިއުޅެ ރައްޔިތުން އުފުލަންޖެހޭކަމެއްކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާރުކޭޓު ސަރަޙައްދުގެ ޕޭމަންޓް ހެދުމަށް އެސަރަޙައްދު ހުސްކޮށްދެއްވުމަށް އެދި ހުށައެޅުމުން އެކަމަށް ކައުންސިލްގެ އެއްބާރުލުން ނުލިބި، ޕޭމަންޓު ނަހަދާ އޭރު މަގުގެ މަސައްކަތް ކުރަންޖެހުނުކަން ރައީސުލްޖުމްހޫރިއްޔާވެސްވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި އޭޕްރީލްމަހުގެ ތެރެގައި ވިދާޅުވެފައެވެ.

މާރުކޭޓުގެ މަޝްރޫޢަށް 126 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން 3 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށްވަނީ ޕްލޭންކޮށްފައެވެ.