ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަމުގައި، ސިޔާސީ އަދި ސަލާމަތީ ގޮތުން ލުބްނާނުގެ މައްޗަށް އޮތް ނުފޫޒު ފަނޑުވެ، ހަމަހަމަ ދެ ޤައުމުގެ ގޮތުގައި ގުޅުން އަލުން ބައްޓަންކުރަމުންދާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
މި މަހުގެ 9ވަނަ ދުވަހު ލުބްނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ސޫރިޔާއަށް ރަސްމީ ދަތުރެއް ކުރައްވައިފައެވެ. މިއީ 2024ވަނަ އަހަރު ބައްޝާރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައި ފަހުން، ނަވާފް ސަލާމް ސޫރިޔާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެ ދަތުރު ކުރައްވާފައިވަނީ، ޔަހޫދީން އިސްވެ، ލުބްނާނުގެ އިތުރުން ސޫރިޔާއަށް ވެސް ޙަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
ބައްޝާރުގެ ބައްޕާފުޅު، ހާފިޒް އަލް އަސަދުގެ ވެރިކަމުގައި، 1976ވަނަ އަހަރު ސޫރިޔާއިން ވަނީ ލުބްނާނަށް އަރައިގަނެ، ލުބްނާނުގެ ގިނަ ސަރަޙައްދުތަކަކަށް އަތްގަދަކޮށްފައެވެ.
ސޫރިޔާގެ އިސްތިޢުމާރާ ދެކޮޅަށް 2005ވަނަ އަހަރުގެ ތެރޭގައި ލުބްނާނުގައި އާންމުން ނުކުމެ ކުރި މުޒާހަރާތަކަށްފަހު، ސޫރިޔާ ސިފައިން ލުބްނާނުން ފައިބައިފާވީ ނަމަވެސް، 2011ވަނަ އަހަރާ ހަމައަށް ސޫރިޔާއިން ވާގިވެރިވާ ޖަމާޢަތްތަކުގެ އެހީގައި ލުބްނާނުގެ ދާޙިލީ ކަންކަމަށް ސޫރިޔާއިން ދިޔައީ ނުފޫޒު ފޯރުވަމުންނެވެ.
އެ ނުފޫޒު ފަނޑުވާން ފަށާފައިވަނީ، ސޫރިޔާގެ ދާޙިލީ ހަމަނުޖެހުންތައް ބޮޑުވެ، ބައްޝާރުގެ ސަރުކާރަށް އެކަމާމެދު ވިސްނަން މަޖުބޫރުވުމާއެކުއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ބައްޝާރުގެ ވެރިކަން ނިމި، ސުރިޔާގައި ވެރިކަން ކުރާ ޖަމާޢަތް، ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢު ވެރިކަމަށް އަންނާނެކަމަކަށް ލުބްނާނުގެ އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ.
ބައްޝާރުގެ ވެރިކަން ނިމުމާއެކު، ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲގެ ބާރު ވެސް ވަނީ ފަނޑުވެފައެވެ. ސޫރިޔާގައި ބައްޝާރުގެ ބާރު ދެމެހެއްޓުމަށް ޙިޒްބުﷲއިން އޭރު ވަނީ މުޙިންމު ދަޢުރެއް އަދާކޮށްފައެވެ.
ޙިޒްބުﷲ އާ މެދު އޮތް ހިތްހަމަނުޖެހުން ޝަރާޢު އެކި ފަހަރުމަތިން ފާޅުކޮށްފައިވީނަމަވެސް، ޝަރާޢުގެ ސަރުކާރުގެ ވިސްނުމަކީ، ހަމަހަމަ ޤައުމެއްގެ ގޮތުގައި ލުބްނާނާ އެކު ގުޅުން ދެމެހެއްޓުމެވެ. މިގޮތުން، ލުބްނާނުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި، ޝަރާޢުގެ ވިސްނުން ހުރީ، ސޫރިޔާ އަލުން ބިނާކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢު އާ ގުޅުން އިޔާދަކޮށް، ސޫރިޔާ އާ ދެކޮޅަށް އެކި ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމެވެ.
މި އައު އޮނިގަނޑަށް ދެ ޤައުމުގެ ގުޅުން ފައްތަން ކުރާ މަސައްކަތުގައި، އެންމެ ބޮޑު ޚިލާފެއް އުފެދިފައިވަނީ ލުބްނާނުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ 2،000އަށް ވުރެ ގިނަ ސޫރިޔާގެ ޤައިދީންގެ މައްސަލައެވެ.
އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތުގެ ދަށުން، މިދިޔަ މާޗް މަހުގެ ތެރޭގައި 130 ޤައިދީން ވަނީ، ސޫރިޔާގައި ހުކުމް ތަންފީޒުކުރުމަށް ލުބްނާނުން ޙަވާލުކޮށްފައެވެ.
ބާކީ ތިބި ޤައިދީންނާ ގުޅޭގޮތުން ވެސް ނަވާފް ސަލާމްގެ ދަތުރުގައި މަޝްވަރާ ކުރެވުނުކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނުކަމަށް ނަވާފް ވިދާޅުވިއެވެ.