ޚަބަރު

"އާންމު ސިއްޙަތުގެ ރައްކާތެރިކަމަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަން މުހިއްމު"


  • ދުނިޔޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަ ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވި

  • ދަތި ދަނޑިވަޅުތަކުގައިވެސް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ފާހަގަކުރެއްވި

އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސާފުވެރި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ޤައުމުތަކަށް ބޭނުންވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ޤަޢުމުތަކުގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 79ވަނަ ބައްދަލުވުމުގައި ސަރަހައްދީ ޤައުމުތަކުގެ ފަރާތުން އިއްވެވި ބަޔާނުގައި ވަޒީރު ގީލާ ޢަލީ ވަނީ ދުނިޔޭގެ ސިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމުގެ މިދަނޑިވަޅަކީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަން ފާހަގަކުރައްވާފައެވެ. މި ހާލަތުގައިވެސް ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ވަނީ ބަލިތައް ކޮންޓްރޯލްކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، ޑިޖިޓަލް ހެލްތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައިކަމަށް ވަޒީރު ވިދާޅުވިއެވެ۔

މިކުރިއެރުންތަކަށް އަލިއަޅުވާލަމުން ވަޒީރު ގީލާ ވަނީ މި ސަރަހައްދުގެ ޤައުމުތަކުން ދުންފަތުގެ އިސްތިމާލުކުރުމުން އައު ޖީލުތައް ރައްކާތެރިކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއި ބަލިތައް ނައްތާލުމުގައި ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މިކަމަންމަކާއެކު ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުން ނަމޫނާ ދައްކަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙީ ނިޒާމު އިސްލާހުކުރުމުގައި މައިގަނޑު 3 އަސާސަކަށް ދެކުނު އިރުމަތީގެ އޭޝިއާގެ ޤައުމުތަކަށް ބާރުއަޅާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އެއް އަސާސަކީ ގައުމުތައް އެއް އަމާޒަކަށް އިސްނަގައިގެން މަސައްކަތްކޮށް، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ދެވަނަ ކަމަކަށް ވަޒީރު ފާހަގަކުރެއްވީ ޤައުމުތަކުގެ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސާފުވެރި ދެމެހެއްޓެނިވި މާލީ އެހީތައް ކަށަވަރުކުރަންޖެހޭކަމެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސިއްހީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަން ސިއްޙީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި، ސަރަހައްދީ ހާލަތްތައް ރަނގަޅަށް ދަންނަ، ގާބިލު އަދި ހަރުދަނާ ލީޑަރޝިޕެއް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ހުރިހާ ފަންތިއެއްގައި އޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ۔

ބަޔާން ނިންމަވާލައްވަމުން ވަޒީރު ވަނީ، ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް، ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުން، ސިއްހީ ގޮންޖެހުންތަކުން އަރައިގަނެ، މުޅި ދުނިޔެއަށް ހަގީގީ ބަދަލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މި ސަރަހައްދުގެ ޤައުމުތަކުން ދެކޭކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.