މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކަށް ލަަސްކަމެއް އައިނަަމަވެސް މަޝްރޫޢުތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 2 އަހަރާ ބައިގެ ތެރޭގައި އުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ރަށްރަށުގައި ބަނދަރު ހެދުމާއި، މަގު ހެދުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމުގެ އިތުރުން ބިން ހިއްކުމުގެ އެކި މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ 21 ރަށަކުން 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އަދި މީގެ ތެރެއިން 500 ހެކްޓަރަކީ ރަސްމާލެއިން ހިއްކާފައިވާ ބިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢަކީ ޚަރަދު ބޮޑު ނަމަވެސް ދެމެހެއްޓެނިވި ތަރައްޤީގެ ނަޒަރިއްޔާއިން ބަލާއިރު މުހިއްމު މަޝްރޫޢެއްކަމަށެވެ.
"އަޅުގަނޑުމެން އާބަން ޑިވެލޮޕްމަންޓް ޕްލޭން ފަރުމާ ކުރަނީ ސަރަޙައްދީ ތަރައްޤީގެ ގޮތުގައި. މިސާލަކަށް އެއަރޕޯޓްތައް ތަރައްޤީކުރާ ތަންތަނަކީ އޭގެ ސަބަބުން ޕޮޕިއުލޭޝަން ކޮންސަލިޑޭޝަނަށްވެސް ފައިދާވާނެ ތަންތަން. ބަނދަރު ހެދުންވެސް އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ބެލިނަމަވެސް ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވިއްޖެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަނި ދައްކަމުންވެސް، ދިމާވި ގޮންޖެހުންތަކާއެކުވެސް މިދިޔަ 2 އަހަރާ ބައިގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ގެންދިޔުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގިނަ ކަންކަން ކުރުމުގައި ސަމާލުކަން ދޭންޖެހިފައިވާކަމަށާއި އިސްކަން ދޭންޖެހޭ ހާލަތްތަކުގައި އިސްކަންދޭނީ ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާއަށްކަން ރައީސް ތަކުރާރުކުރެއްވިއެވެ. އެހެންނަމަވެސް މިވަގުތަށް މަސައްކަތް ކުރަމުންދަނީ އިތުރު ކަންކަން މަޑު ޖެހުމެއްނެތިކަން ރައީސް ފާހަގަކުރެއްވިއެވެ.
"ތެލުގެ އަގު ބޮޑުވުމާއި ބޭނުންވާ މެޓީރިއަލް ގެނައުމުގައި ދަތިތަކެއް އެބަހުރި. މީގެ ސަބަބުން ބައެއް ލަސްތައް ކުރިމަތިވަމުންދޭ. ނަމަވެސް އެކަން ދަނީ މެނޭޖްކުރަމުން. ރައީސް އޮފީހުން ކޮންމެ ދުވަހަކުވެސް ބަލަމުން ދަނީ ވުޒާރާތަކާއި ކަމާއި ގުޅޭ އެހެން ފަރާތްތަކާއެކު މަޝްރޫޢުތައް ދާގޮތް. އެއާއެކު މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ގެންނާނެ ބަދަލުތަކަކީ ކޮބައިތޯ ބަަލަމުންދޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ކުޑަކޮށް ލަސްކަމެއް އައިނަމަވެސް މިހާރު މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ބާކީ އޮތް ހަމަސްދުވަހުގެ ތެރޭގައި ނަތީޖާ ރަނގަޅުވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.