އެރޭބިއަން ޓްރެވަލް މާކެޓް 2026 އަދި އޭ.ޓީ.އެމް ޓްރެވަލް ޓެކް 2026 ބާއްވާ ތާރީޚަށް ބަދަލު ގެނެސް، އެ ފެއަރ ސެޕްޓެމްބަރު މަހުގެ 14 އިން 17 އަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި ފެއަރ އާންމުކޮށް ބާއްވަމުން އަންނަ މޭ މަހުގެ ބަދަލުގައި، މީގެ ކުރިން ނިންމާފައިވަނީ އޮގަސްޓް 17 އިން 20 އަށް ބޭއްވުމަށްކަމަށެވެ. ނަމަވެސް، ފެއަރގައި ބައިވެރިވާ ފަރާތްތަކަށާއި ސިނާޢަތުގެ ހިއްސާދާރުންނަށް ފޮނުވި އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، ސެޕްޓެމްބަރު މަހަށް ތާރީޚުތައް ބަދަލުކުރި ނަމަވެސް، ރޭވިފައިވާ ހުރިހާ ސެޝަންތަކާއި، ބައްދަލުވުންތަކުގެ އިތުރުން ފެއަރގެ ހަރަކާތްތައް ކުރިއަށްދާނީ ކުރިންވެސް ނިންމާފައިވާ ގޮތައްކަމަށް ވިދާޅުވިއެވެ.
ވީއެމްސީއިން ވިދާޅުވީ ފެއަރ އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، ތާރީޚަށް މި ބަދަލު ގެނައީ ފެއަރގައި ބައިވެެރިވާ ފަރާތްތައް އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ އެގްޒިބިޓަރުންނާއި، ބަޔަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައިކަމަށެވެ.
އެރޭބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބީ.ޓު.ބީ ފެއަރއެވެ. މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމް ބޯޑުތަކާއި، އެއަރލައިންތަކާއި، ހޮޓާތަކާއި، ޓްރެވަލް ޓެކްނޮލޮޖީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ބައިވެރިވެއެވެ. މިއީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، ލަގްޒަރީ، މައިސް އަދި ލެއިޝަރ ޓްރެވަލް ފަދަ ދާއިރާތަކުން މަންޒިލްތައް އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
ވީއެމްސީއިން ވިދާޅުވީ ފެއަރގެ ތާރީޚަށް ގެނެވުނު ބަދަލުން ދޭހަވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ކަލަންޑަރުގައި އޭ.ޓީ.އެމްއަށް ދެވިފައިވާ މުހިންމުކަންކަމަށެވެ. ހާއްސަކޮށް، މެދުއިރުމައްޗަކީ ދުނިޔޭގެ ފަތުރުވެރިކަމާއި އޭވިއޭޝަންގެ މައި މަރުކަޒަކަށް ވަމުންދާ ދަނޑިވަޅެއްގައި މިފަދަ ހަރަކާތްތަކުގެ ދައުރު ބޮޑުކަމަށް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) އިން ދަނީ ފެއަރ އިންތިޒާމްކުރާ ފަރާތްތަކާއި، ރާއްޖޭގެ ފަރާތުން ބައިވެރިވާ ކުންފުނިތަކާ ގުޅިގެން ލޮޖިސްޓިކްސް ކަންކަން ހަމަޖައްސަމުންނެވެ. ތާރީޚަށް ބަދަލު އައި ނަމަވެސް، ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ސްޓޭންޑްތަކާއި ބްރޭންޑިންގއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ރާއްޖެ އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަންސައަކީ އޭ.ޓީ.އެމް އެވެ. މިއީ މެދުއިރުމައްޗާއި ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.