ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތްކުރާ ފެންވަރަށް މުއްސަނދިކޮށްފައިވާ ޔޫރޭނިޔަމްގެ ސްޓޮކު، އީރާނުން ބޭރުކުރުމަށް އެއްބަސްނުވުމަށް އެ ޤައުމުގެ އެންމެ އިސް މުރުޝިދު، ސައްޔިދް މުޖްތަބާ ޙުސައިނީ ޚާމަނާޢީ އަމުރުކުރައްވައިފިއެވެ. އީރާން ސަރުކާރުގެ ދެ މަޞްދަރަކުން ވަނީ މި ކަން މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ. ޔުރޭނިޔަމްގެ މައްސަލަ ޙައްލުކުރުމަކީ އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކުގެ މައިގަނޑު އެއް އަސާސެވެ. ވޮޝިންގޓަންގެ މި ޝަރުޠަށް ތެހްރާނުން ދެކޮޅުހަދައި، މަޝްވަރާގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުން އިތުރުވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
މޭ 21 ގައި ޓްރަމްޕް ވިދާޅުވީ، %60 އަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމް އީރާންގައި ބެހެއްޓުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި، އެ ތަކެތި ބޭރުކޮށް، ނައްތައިލައްވާނެ ކަމުގައެވެ. މިއީ، އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ޔަހޫދީންގެ މައިގަނޑު ޝަރުޠެވެ. ޔަހޫދީ ދައުލަތުގެ މަޞްދަރުތަކުން ބުނީ، އީރާނުގައި ރައްކާކޮށްފައި ހުރި ޔުރޭނިޔަމް އެ ޤައުމުން ބޭރުކުރުމުގެ ޝަރުޠު ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް އަރުވާފައިވާ ކަމުގައެވެ. އެ ކަމަށް ތެހްރާނުން އެއްބަސްނުވާ ނަމަ، ހަނގުރާމަ ނިމުމަކަށް ގެނެވިފައިވާ ކަމަށް ޤަބޫލުނުކުރާނެ ކަމުގައި ޞަހްޔޫނީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ނަމަވެސް، އީރާންގެ އިސްވާރުން ދެކޭ ގޮތުގައި، އެ ޤައުމުގެ ޔުރޭނިޔަމް ސްޓޮކު ބޭރުކުރުމުގެ ފުރުޞަތު ދިނުމަކީ، އީރާން ނާޒުކު ޙާލަތަކަށް ވެއްޓި، ކުރިމަގުގައި އެމެރިކާއާއި ޔަހޫދީންގެ އިތުރު ޙަމަލާތަކަށް ހުށަހެޅިގެންދާނެ ނިންމުމެކެވެ. ފެބުރުވަރީ 28 ގައި ޓްރަމްޕް އިސްވެ ހަނގުރާމަ ފެށްޓެވި ނަމަވެސް، އެޕްރީލް 8 ވަނަ ދުވަހު ވަނީ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެ، އަމަލުކުރަން ފަށާފައެވެ. ނަމަވެސް، އެމެރިކާއިން އަދިވެސް ދަނީ އީރާންގެ ބަނދަރުތައް ޙިޞާރުކުރަމުންނެވެ. އަދި، ރައްދުގައި އީރާނުން ވެސް ދަނީ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުތަކަށް ހުރަސްއަޅަމުންނެވެ.
މި ކަމާ ގުޅިގެން ޕާކިސްތާނުން މެދުވެރިވެގެން ކުރަމުންދާ މަޝްވަރާތަކަށް ވަނީ ހިޔަނިއެޅިފައެވެ. އަދި، ޔުރޭނިޔަމް ސްޓޮކު ބޭރުކުރުމުގެ ފުރުޞަތު ނުދެއްވާނެކަން ޚާމަނާޢީ ހާމަކުރެއްވުމުން، ވޮޝިންގޓަނާއި ތެހްރާނާ ދެމެދު އޮތް ނުތަނަަވަސްކަން އިތުރަށް ހޫނުވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އީރާނުގައި %60 އަށްވުރެ މަތީ ފެންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިޔަމްގެ 440 ކިލޯ ރައްކާކޮށްފައި ހުރި ކަމުގައި އެޓޮނިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާއިން (އައިއޭއީއޭ) ޤަބޫލުކުރެއެވެ. އެ ތަކެތި ބޭނުންކޮށްގެން، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔަހޫދީންނާއި ހުޅަނގުން ތުހުމަތުކުރި ނަމަވެސް، އީރާނުން ބުނަނީ އެއީ ސުލްޙަވެރި ބޭނުމަށް ހިންގާ ނިއުކްލިޔަރ ޕުރޮގުރާމެއް ކަމުގައެވެ.