ޚަބަރު

އިންޓަރ ރިސޯޓް ބިލިއާޑް މުބާރާތެއް ތައާރަފުކުރަނީ


  • މިހާރުވެސް މާލޭގައި އޮންނަ މުބާރާތަށް ރިސޯޓުތަކުން ބައިވެރިވޭ

  • މިދިޔަ އަހަރުން ފެށިގެން "ޝޮޓް ކްލޮކް" ތައާރަފުކޮށްފައިވޭ

ރާއްޖޭގައި ޕޫލް އަދި ބިލިއާޑްގެ ހަރަކާތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެސޯސިއޭޝަނުގެ ފަރާތުން ރިސޯޓުތަކުގެ މެދުގައި އިންޓަރ ރިސޯޓު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، މޯލްޑިވްސް ޕޫލް އެންޑް ބިލިއާޑް އެސޯސިއޭޝަނުން ބުނެފިއެވެ.

ރޭ ނިމުނު 10 ބޯލް އެސޯސިއޭޝަން ކަޕަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަވަމުން އެސޯސިއޭޝަންގެ ސްޕޯކްސްޕަރސަން ޙުސައިން ސަނީފް ވަނީ، މިހާރު އޮތް މިންވަރަށްވުރެ އިތުރަށް ރާއްޖޭގައި ޕޫލް އަދި ބިލިއާޑް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާރުވެސް އެކި ކުންފުނިތަކުން ހިންގަމުން އަންނަ ރިސޯޓުތަކުން މުބާރާތްތައް ބާއްވަމުން އަންނަ ނަމަވެސް، އެސޯސިއޭޝަނުން ރަސްމީކޮށް ރިސޯޓުތަކުގެ މެދުގައި މުބާރާތެއް ނުބާއްވާކަން ސަނީފް ފާހަގަކުރެއްވިއެވެ.

"ރިސޯޓުތަކުގެވެސް، މިބުނީ، ކުންފުނިތަކުގަ ހިމެނޭ ރިސޯޓުތަކުގެވެސް، މުބާރާތް މިކޮޅުގަ ބާއްވާ. މާނައަކީ އިންޓަރ ރިސޯޓެއް ނޫނޭ. މިސާލަކަށް ކޮމްޕެނީއެއްގެ ދަށުން ހިންގާ ރިސޯޓުތައް، 6-7 ރިސޯޓުތަކުގެ މީހުންވެސް އައިސް. އެހެންވީމަ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ވިސްނުމުގަ އެބައިނޭ އިންޓަރ ރިސޯޓް މުބާރާތްވެސް އަޅުގަނޑުމެންނަށް އިންޓްރޮޑިއުސް ވެވޭނެ ކައިރި މުސްތަގުބަލެއްގަ އިންޓްރޮޑިއުސް ކޮށްގެން ގެނެވޭނެ ގޮތަކަށް. ކޮންމެ ރިސޯޓެއްގަހެން އޯލްމޯސްޓް ގާތްގަނޑަކަށް ބިލިއާޑް ކޮންމެސް ލެވެލްއެއްގަ ކުޅޭނެ ދެން. ރެކްރިއޭޝަނެއް ގޮތުގަ. ސްޓާފް އޭރިއާގަވެސް ބަހައްޓާފަހުރޭ ދެން. އެހެންވީމަ އެގޮތުން އަޅުގަނޑުމެންގެ ވިސްނުން ހުރީ އިންޓަރ ރިސޯޓު ވަރަށް އަވަސް މުސްތަގުބަލެއްގަ ބޭއްވޭނެ ކަމަށް." ސަނީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސަނީފް ވަނީ، އެސޯސިއޭޝަންގެ ހިއްސާއެއް އޮވެގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ މުބާރާތުގެ ސަބަބުން، އެސަރަހައްދުގައި ބިލިއާޑް އިތުރަށް އާލާވަމުން އަންނަކަންވެސް ފާހަގަކުރައްވާފައެވެ. އެ މުބާރާތުގައި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިވެސް ބައިވެރިވެ، އެސަރަހައްދުގައި އަރަމުން އަންނަ ކުޅުންތެރިންނާ އެކުވެގެން ކުޅުމުގެ އިތުރުން، ސީދާ އެސޯސިއޭޝަންގެ ފަރާތުން މުބާރާތަށް ޓެކްނިކަލް ސަޕޯޓްގެ އިތުރުން އެހެނިހެން އެހީތެރިކަންވެސް ލިބުމުން، އެސަރަހައްދުގައި ބިލިއާޑް އިތުރަށް ކުރިއަރަމުން އަންނަ ކަމަށް ސަނީފް ވިދާޅުވިއެވެ.

"ފާއިތުވެދިޔަ ދެ އަހަރުގަވެސް އަޅުގަނޑުމެން ކުރަމުންދިޔަ ބައެއް މަސައްކަތްތަކުގެ ތެރޭގަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ރާއްޖޭގެ ދެކުނުގަ، އައްޑޫގަ އަޅުގަނޑުމެންގެ އެފިލިއޭޓުވެގެން މި ބާއްވާ، އާންމުކޮށް ކޮންމެ އަހަރަކުވެސް އެނުއަލް މުބާރާތެއް ބާއްވަމުންދޭ. އެ މުބާރާތަށް އަޅުގަނޑުމެންގެ ނެޝަނަލް ކުޅުންތެރިންވެސް ގިނަ އަދަދަކަށް މުބާރާތުގަ ބައިވެރިވެފަ އަދި އެތަނުގަ ތިބި ކުޅުންތެރިންނާ މާޖުވެގެން ކުޅުނީމަ އެކުޅިވަރު އާލާވުމަށް ލިބޭ ވަރަށްބޮޑު ހިތްވަރަކަށް ވަނީ. މިކޮޅުގެ ޓެކްނިކަލް ސަޕޯޓާ މިކޮޅުގެ އެހެނިހެން ސަޕޯޓުތައްވެސް އަޅުގަނޑުމެންގެ ފަރާތުން ލިބިގެންދިއުމަކީ އެހިސާބަށް ކުޅިވަރު ދިރުވުމަށް އަޅުގަނޑުމެންނަށް ކުރެވުނު ވަރަށް ބޮޑު ކަމެއް. ދެން އެހެން އޭރިއާތަކަށްވެސް އަޅުގަނޑުމެން ބަލަމުން އެބަ ދަން." ސަނީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުން ފެށިގެން މުބާރާތަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި "ޝޮޓް ކްލޮކް" ތައާރަފުވުން ސަނީފް ފާހަގަކުރެއްވިއެވެ.

ސަނީފް ވިދާޅުވީ، މިކަން ތައާރަފު ކުރެވުމުން މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައިން ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނީ 30 ސިކުންތުގެ ވަގުތުކޮޅެއް ކަމަށެވެ. މިއީ އިންޓަރނޭޝަނަލް މުބާރާތްތަކުގައިވެސް ކަންކުރާ ގޮތް ކަމުން، މިކަމުގެ ފައިދާ ހުރިހާ ކުޅުންތެރިންނަށްވެސް ކުރާނެ ކަމަށް ސަނީފް ވިދާޅުވިއެވެ.