ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނަށް ޔަހޫދީ ސިފައިން ޖިސްމާނީ އަނިޔާކޮށް، ބައެއް މީހުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގައި ޖީއެސްއެފުން ބުނެފިއެވެ. ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި 50 އުޅަނދުގައި ތިބި 430 އެއްހާ މީހުން ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައި ވަނީ މޭ 18 ވަނަ ދުވަހުއެވެ. ޔަހޫދީ ސިފައިން އޭގެ ތެރެއިން ބައެއް މީހުން ރޭޕުކޮށްފައިވާ ކަމުގައި ވެސް ޖީއެސްއެފުން ބުންޏެވެ.
ޖީއެސްއެފް ހަރަކާތުގެ ދަށުން 50 އުޅަނދެއްގައި ދަތުރުކުރި 430 މީހުން މޭ 18 ވަނަ ދުވަހު ހައްޔަރުކުރި މައްސަލައިގައި، އަދި ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރަކު އެ މީހުންނަށް ފުރައްސާރަކުރާ ވީޑިއޯއެއް ޢާންމުވުމާ ގުޅިގެން ޔަހޫދީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ތަރުޖަމާނު ސްޓިފަން ދުޖަރީކް ވަނީ ޖީއެސްއެފްގެ ރިޕޯޓްތަކާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް، ޔަހޫދީންގެ ޖަލުތަކާ ބެހޭ އިދާރާއިން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
ޖީއެސްއެފުން ބުނީ، ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުންގެ ތެރެއިން 15 މީހަކަށް ޔަހޫދީ ސިފައިން ޖިންސީ ގޯނާކޮށްފައިވާ ކަން ރެކޯޑުކުރެވިފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައި ވަނީ ގޮޅިތަކެއް ހަދާފައިވާ އުޅަނދެއްގެ ތެރޭގައި ކަމުގައި ވެސް އެ ހަރަކާތުން ބުންޏެވެ. އަދި، އޭގެ ތެރެއިން 12 މީހަކު ޖިންސީ ގޯނާކޮށް، މަޖުބޫރުން ޖިންސީ ގުޅުން ހިންގާފައިވާ ކަމުގައި ވެސް އެ ހަރަކާތުން ތުހުމަތުކުރިއެވެ.
ޖީއެސްއެފްގެ މި ރިޕޯޓުތަކާ މެދު ގިނަ ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިޓަލީވިލާތުގެ ކަމާގުޅޭ އިދާރާތަކުން ބުނީ، އެ ޤައުމުގެ ރައްޔިތުން ރަހީނުކޮށް، އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމުގައެވެ. ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ، ތުރުކީވިލާތަށް ގެންގޮސް މިނިވަންކުރި އެ ޤައުމުގެ ބައެއް ރައްޔިތުންނަށް ޔަހޫދީ ސިފައިން އަނިޔާކޮށްފައިވާ ކަމުގައެވެ. ފަރަންސޭސިވިލާތުގެ މަޞްދަރަކުން ބުނީ، ޔަހޫދީ ސިފައިން އަނިޔާކޮށްފައިވާ އެ ޤައުމުގެ ފަސް ރައްޔިތަކު އިސްތަންބޫލުގެ ހަސްފަތާލެއްގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައެވެ.