މައްކާއަކީ މުސްލިމުންގެ މެދުގައި ހަމައެކަނި އަޅުކަމުގެ މައިދާނެއް ނޫނެވެ. އެއީ އިސްލާމީ ތާރީޚާއި، ފަންނުވެރިކަމާއި، މުޢުޖިޒާތްތަކުން ފުރިގެންވާ މުޤައްދަސް ބިމެކެވެ.
އިސްލާމީ ތާރީޚާއި އިސްލާމީ ވަޙުދަތު ރަމްޒުކޮށްދޭ އެތައް ބިނާތަކެއް މި ބިމުގައި އެބަހުއްޓެވެ. އޭގެ ތެރެއިން ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރާ ކިސްވާ ފެކްޓްރީ އަދި ހިރާ ކަލްޗަރަލް ޑިސްޓްރިކްޓަކީ މައްކާއަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ޝަޢުގުވެރިކަން އޮންނަ ދެ ތަނެކެވެ.
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި ދެ ޚަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދުގެ ޚާއްސަ އިސްނެންގެވުމަށް ކުރިއަށްގެންދަވާ ޙައްޖު ޢުމްރާ ވިޒިޓޭޝަން ޕްރޮގްރާމުގެ ބައިވެރިންނަށް ކިސްވާ ފެކްޓްރީއަށާއި ހިރާ ކަލްޗަރަލް ޑިސްޓްރިކްޓުގައި ހުންނަ ރިވެލޭޝަން އެގްޒިބިޝަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ ކިސްވާ ފެކްޓްރީއަށެވެ.
ކިސްވާ ފެކްޓްރީ ނުވަތަ މިހާރުގެ ނަމުންނަމަ ކިންގް ޢަބްދުލްޢަޒީޒް ކޮމްޕްލެކްސްއަކީ މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ފަރުމާކޮށް ބަލަހައްޓާ މައި މަރުކަޒެވެ. މި ފެކްޓްރީގެ ތާރީޚަށް ޖެހިލާއިރު، މިތަން އެންމެ ފުރަތަމަ ބިނާކޮށްފައިވަނީ 1927 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ބާނީ ކިންގް ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ އަމުރުފުޅަށް މައްކާގެ "އަޖްޔާދު" ސަރަޙައްދުގައެވެ.
މިހާރު ފެކްޓްރީ ހިންގާ އުންމުލް ޖޫދު ސަރަޙައްދަށް ފެކްޓްރީ ބަދަލުކޮށްފައިވަނީ 1962 ގައެވެ. އަދި ފެކްޓްރީގެ ނަން "ކިންގް ޢަބްދުލްޢަޒީޒް ކޮމްޕްލެކްސްއަށް ރަސްމީކޮށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރެވެ.
މި ފެކްޓްރީގެ މަސައްކަތްތައް ވަނީ އެކި ޑިޕާޓްމަންޓްތަކަށް ބަހާލެވިފައެވެ. އޭގެ ތެރޭގައި ކިސްވާ ތައްޔާރުކުރުމަށް ބޭނުންވާ ސިލްކް ރޮދިތައް ދޮވެ އޭގައި ކުލަ ޖެއްސުމާއި، ފޮތިވިޔުމާއި، ފޮތީގެ މަތީގައި ލިޔުންތައް ލިޔާނެ ގޮތް ޗާޕުކުރުމުގެ މަސައްކަތަށް ޚާއްސަ ޑިޕާޓްމަންޓްތައް ހިމެނެއެވެ. އަދި އެމްބްރޮއިޑަރީގެ މަސައްކަތާއި ކިސްވާގައި ހިމެނޭ ފޮތިގަނޑާއި، ކަލިމަތަކާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ބޭންޑުތަކާއި، ގެފުޅުގެ ދޮރުކޮޅުގެ ފޮތިގަނޑު އެއްކޮށް ގުޅުވައި ފުރިހަމަކުރުމަށް ޚާއްސަ ޑިޕާޓްމަންޓްތައް ހިމެނެއެވެ.
މީގެ ތެރެއިން އެމްބްރޮއިޑަރީގެ މަސައްކަތްތަކަށް ޚާއްސަ ޑިޕާޓްމަންޓަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރާގޮތް ބަލާލުމުގެ ފުރުޞަތު ޙައްޖު ވިޒިޓޭޝަން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ ދީފައެވެ.
ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާއަކީ އިސްލާމީ ފަންނުވެރިކަމުގެ އެންމެ މަތިވެރި އެއް ރަމްޒެވެ. ކިސްވާ ތައްޔާރުކުރުމުގެ މަރުހަލާގެ ތެރެއިން އެންމެ ކަވި އަދި އެންމެ ގިނަ ވަގުތު ހޭދަވާ މަސައްކަތަކީ އެމްބްރޮއިޑަރީ ނުވަތަ ރަނާއި ރިހި ރޮދިން އާޔަތްތަކާއި ބޯޑަރުތައް ފެވުމުގެ މަސައްކަތެވެ. މިއީ ކިސްވާ ތައްޔާރުކުރުމުގައި އެންމެ އަގުބޮޑު އަދި އެންމެ ގިނަ ވަގުތު ނަގާ މަރުހަލާއެވެ.
ކިސްވާ ތައްޔާރުކުރުމަށް ބޭނުންކުރަނީ އެންމެ މަތީ ފެންވަރުގެ ގުދުރަތީ ކަޅު ފަށުވިއެވެ. އެގޮތުން ގާތްގަނޑަކަށް 670 ކިލޯގެ ފަށުވި، ގުރުޢާނުގެ އާޔަތްތަކާއި، ކަލިމަތަކާއި ބޯޑަރުތައް ފެވުމަށް 120 ކިލޯގްރާމުގެ ރަނާއި ރިހި ރޮދި ބޭނުންކުރެއެވެ. އަދި ލިޔުންތައް 3D ކޮށް ނުވަތަ ފުއްޕާފައި ބެހެއްޓުމަށް 400 އަށްވުރެ ގިނަ ކިލޯގްރާމުގެ ކޮޓަން ރޮދި ބޭނުންކުރެއެވެ.
އެމްބްރޮއިޑަރީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކާ އެންމެ ފުރަތަމަ ކޮމްޕިއުޓަރުން އާޔަތްތައް ޑިޒައިންކޮށް ފޮތިގަނޑުގައި ކުރަހައެވެ. ދެން ކުރިއަށްދާނީ ޕެޑިން ނުވަތަ ލިޔުންތައް ފުއްޕާފައި ބެހެއްޓުމަށްޓަކާ ހުދުކުލައިގެ ކޮޓަން ރޮދިން އެ އަކުރުތަކުގެ އެތެރެ ފުރައި ބޯކުރުމުގެ މަސައްކަތެވެ. އެއަށްފަހު އެންމެ މަތީ ފެންވަރުގެ ރަން ރޮދިންނާއި ރިހި ރޮދިން އެ އަކުރުތަކުގެ މަތިން ފަހައި ބަބުޅުވައިލައެވެ.
މިއީ އެތައް މަހަކުން ކުރެވޭ ވަރަށް ފުރިހަމަ ފަންނީ މަސައްކަތެކެވެ. މި ހުރިހާ މަރުހަލާތަކެއް ނިންމާ، ގެފުޅުގެ އުރަކޮޅު މުޅިން ފުރިހަމަކުރުމަށް އަހަރެއްހާ ދުވަސް ހޭދަވެއެވެ. މިއީ ވަރަށް ފަރުވާތެރިކަމާއެކު ކުރާ މަސައްކަތެކެވެ.
ކިސްވާ ފެކްޓްރީއަށްފަހު ދެން ޒިޔާރަތްކޮށްފައިވަނީ ހިރާ ކަލްޗަރަލް ޑިސްޓްރިކްޓުގައި ހުންނަ ރިވެލޭޝަން އެގްޒިބިޝަން ހޯލަށެވެ. މިއީ ޖަބަލުއްނޫރު ނުވަތަ ނޫރު ފަރުބަދަ ކައިރީ ތަރައްޤީކޮށްފައިވާ ސަޤާފީ މަރުކަޒެކެވެ.
ނޫރު ފަރުބަދައަކީ މުޅި އިންސާނިއްޔަތަށް އަލިކޮށްދިން ނޫރު ކަމުގައިވާ ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވި އިސްލާމީ ތާރީޚުގައިވެސް އެންމެ މުޤައްދަސް އެއް ފަރުބަދައެވެ.
މި ފަރުބަދައިގެ އެންމެ މަތީ ބައިގައިވާ ހިރާ ހޮހޮޅައަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ، ނަބީކަން ލިބިވަޑައިގަތުމުގެ ކުރިން، މައްކާގެ މުޝްރިކުންގެ އަޅުކަންތަކާއި ދުރުހެލިވެވަޑައިގެން، އެކަނިވެރިވެވަޑައިގެން ﷲގެ ކުޅަދުންވަންތަކަމާ މެދު ވިސްނައި ފިކުރު ކުރެއްވުމަށް އިއުތިކާފަށް އިންނެވި ތަނެވެ. ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ އާޔަތްތައް ބާވައިލެއްވުނީ މިތަނުގައެވެ.
ހިރާ ކަލްޗަރަލް ޑިސްޓްރިކްޓަކީ ހިރާ ފަރުބަދައަށް އަރަން ބޭނުންވާ މީހުންނަށާއި، އެ ތަނުގެ ތާރީޚު ފުންކޮށް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ސަޢުދީ ސަރުކާރުން ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. ރިވެލޭޝަން އެގްޒިބިޝަނަކީ މި ޑިސްޓްރިކްޓުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ.
މިތަނުގައި އާދަމްގެފާނުން ފެށިގެން ނަބީބޭކަލުންނަށް ވަޙީ ބާވައިލެއްވުނުގޮތުގެ ވާހަކަތައް އެކި ބަސްބަހުން އޯޑިއޯ ވިޝުއަލް ހޯލުތަކުގައި ކިޔައިދެއެވެ. ކީރިތި ރަސޫލާ ﷺ އަށް ވަހީ ބާވައިލެއްވުނު ގޮތުގެ ތާރީޚު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ފުރިހަމައަށް ކިޔައިދެއެވެ.
ނޫރު ފަރުބަދައާއި ގުޅޭ މަޢުލޫމާތުތަކާއި ފަރުބަދައިގެ 3D ރެޕްލިކާއެއްގެ އިތުރުން، ރަސޫލާއަށް ވަޙީ ބާވައިލެއްވުނު ހިރާ ހޮހޮޅަ ރަމްޒުކޮށްދޭ ބޮޑު ރެޕްލިކާއެއްވެސް މިތަނުގައި ބެހެއްޓިފައިވެއެވެ.
ހަމައެހެންމެ އިސްލާމްދީން އައުމުގެ ކުރިން މައްކާގެ މުޖުތަމަޢު އޮތްގޮތާއި، ޚަލީފާ އުޘްމާނުގެފާނުގެ ޒަމާނުގައި ލިޔެވުނު މުޞްޙަފްތަކުގެ އަސްލާ އެއްގޮތް ނަކަލުތައް މިތަނުގައި ދައްކާލަން ބަހައްޓާފައި ހުރެއެވެ.
ރިވެލޭޝަން އެގްޒިބިޝަންގެ އިތުރުން މި ޑިސްޓްރިކްޓުގައި ކީރިތި ޤުރުއާނުގެ ތާރީޚާއި ޒަމާނުއްސުރެ ޤުރުއާން ލިޔެވި ރައްކާތެރިކުރެވުމުން އައިގޮތް ދައްކުވައިދޭ ޚާއްސަ މިއުޒިއަމަކާއި، މައްކާގެ ތާރީޚާއި އިސްލާމީ ސަޤާފަތާއި، ރަސޫލާ ﷺ ގެ ސީރަތާގުޅޭގޮތުން ލިޔެފައިވާ ފޮތްތަކާއި ދިރާސާތައް ހިމެނޭ ކަލްޗަރަލް ލައިބްރަރީއެއްވެސް ހިމެނެއެވެ. އަދި ނޫރު ފަރުބަދައަށް ރައްކާތެރިކަމާއެކު އެރޭނެ މަގެއްވެސް ހަދާފައިވެއެވެ.
މައްކާއަށް ދާ ކޮންމެ މުސްލިމަކުވެސް މި ދެތަނަށް ޒިޔާރަތްކުރުމަކީ އިސްލާމީ ތާރީޚަށް ލޯހުޅުވި، ދީނީ އަދި ޢިލްމީގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާ ފުރުޞަތެކެވެ. ޢުމްރާއާއި ޙައްޖުގެ އަޅުކަމަށް މައްކާއަށްދާ ގިނަ މުސްލިމުންގެ މެދުގައިވެސް މިއީ މަޤުބޫލު މަންޒިލްތަކެކެވެ.