ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ، އަރިދަފުސް ރޯގާ/އިންފްލުއެންޒާ އާއްމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވާ ކަމަށް އެއެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވާތީ، މިފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި ރަށްރަށަށް ކުރާ ދަތުރުކުރުތައް އިތުރުވުމާއި ގޭގެއަށް ޒިޔާތަރަތް ކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރު ވެގެން ދާނެތީ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެހެންކަމުން ދަތުރުފަތުކުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން އެ އޭޖެންސީން ވަނީ ހާމަކުރައްވާފައެވެ.
ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވާއިރު، އާންމު ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ޙިއްޞާކުރާ މައުލޫމާތަށް ބަރޯސާވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.