ޚަބަރު

މާލެ ޖޫނިއާ އޯޕަންގެ ޗެމްޕިއަންކަން އާއިޝް އަދި ލޫކްއަށް


  • މިމުބާރާތުގައި 80 ކުޅުންތެރިން ވާދަކުރި

  • މުޅިއަކު 16500 ރުފިޔާގެ ފައިސާގެ އިނާމް

ދޮންމަނިކު އިންވެސްޓްމަންޓްސް މާލޭ ޖޫނިއާ ޗެސް އޯޕަން 2026 ގެ ޗެމްޕިއަންކަން އިބްރާހިމް އާއިޝް ހަލީމް އަދި ލޫކް އަލްވިން ޝާފީ ހޯދައިފިއެވެ.

މާލޭ ޗެސް ކްލަބް، ކްލަބް ޑާކް ނައިޓް އަދި ކްލަބް ސްޓޯންވޯލްއިން އިންތިޒާމުކޮށްގެން މުޅިން އަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން އާއިޝް ހޯދީ 12 އަހަރުންދަށުގެ ކެޓަގަރީގައި ވާދަކޮށް، 7 ރައުންޑުން 6 ޕޮއިންޓް ހޯދައިގެންނެވެ.

ވަރަށް ވާދަވެރިކޮށް ދިޔަ މި ބުރުގައި އާއިޝްގެ އިތުރުން މާކިން އަތްހަރު މުހައްމަދު އަދި އަދްޔަން މުންތަޒިމްވެސް ހަމަ މި ސްކޯ ހަމަކުރުމުން މި އުމުރުފުރާގެ ޗެމްޕިއަން ކަނޑައެޅީ ޓައި ބްރޭކަށް ކުޅެގެންނެވެ. މި ކެޓަގަރީގެ ރަނަރަޕްކަން މާކިންއަށް ލިބުނުއިރު، ތިންވަނަ ލިބުނީ އަދްޔަންއަށެވެ.

18 އަހަރުންދަށުގެ ޗެމްޕިއަންކަން ލޫކްއަށް ލިބުނީ 7 ރައުންޑުން 6 ޕޮއިންޓް ހަމަކޮށްގެންނެވެ. މި އުމުރުފުރާގެ ރަނަރަޕް ކަނޑައެޅުމަށްވެސް ޓައި ބްރޭކަށް ކުޅެފައިވާއިރު، އަހްމަދު އާތިކް ހަލީމް ބަލިކޮށް މި ކެޓަގަރީގެ ރަނަރަޕްކަން ހޯދާފައިވަނީ އިބްރާހިމް ޔޫމިން ޝިމާދްއެވެ.

މުޅިއަކު 16500 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައެޅިފައިވާ މިމުބާރާތުގައި، އެކި ވަނަތަކަށް ހޮވުނު 12 ކުޅުންތެރިޔަކަށްވަނީ ފައިސާގެ އިނާމް ދީފައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް އައި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ދޮންމަނިކު އިންވެސްޓްމަންޓްގެ ޗެއާމަން ހާމިދް އަފީފްއެވެ.

18 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ޖުމްލަ 80 ކުޅުންތެރިންވަނީ ދެ އުމުރުފުރާއިން ވާދަކޮށްފައެވެ. މުބާރާތުގެ 12 އަހަރުންދަށުގެ ކެޓަގަރީގައި އިންޑިއާގެ ކުޅުންތެރިޔަކުވެސް ވަނީ ވާދަކޮށްފައެވެ.

މާލޭ ޗެސް ކްލަބް، ކްލަބް ޑާކް ނައިޓް އަދި ކްލަބް ސްޓޯންވޯލްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ މި ކުޅިވަރު ދިރުވާ އާލާކޮށް، ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ޖޫނިއާ ކުޅުންތެރިންނަށް ހޯދައިދިނުމެވެ.

ދޮންމަނިކު އިންވެސްޓްމަންޓްސް ޖޫނިއާ އޯޕަން 2026 ގެ ކުޅުން ކުރިއަށް ދިޔައީ ދޮންމަނިކު ސްކައި ވިއުގައެވެ.