ކުޅިވަރު

14 އަހަރަށް ފަހު ޕުޓެޔާސް ބާސެލޯނާ އަށް އަލްވަދާއު ކިޔަނީ


ކުލަބުން އޭނާ މަޑުކުރުވަން ބޭނުންވި ނަމަވެސް ކާމިޔާބު 14 އަހަރަށް ފަހު ބާސެލޯނާގެ އަންހެން ކެޕްޓަން އެލެޒިއާ ޕުޓެޔާސް އެ ކުލަބުން ވަކިވާން ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.

މި ސީޒަނުގައި ބާސެލޯނާ އަށް ހަތަރު ތަށި ހޯދައިން ކެޕްޓަން ބުނީ އަންގާރަ ދުވަހު ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅޭ މެޗަކީ ބާސެލޯނާގެ ޖާޒީގައި އޭނާ ފެންނާނެ ފަހު މެޗު ކަމަށެވެ.

އުމުރުން މިހާރު 32 އަހަރުގެ ޕުޓެޔާސް އެންމެ ފަހުން ބާސެލޯނާއާއެކު ހެދި ދެ އަހަރުގެ ކޮންޓްރެކްޓް މި ސީޒަނާއެކު ހަމަވާނެ އެވެ. ނަމަވެސް އޭނާ ބޭނުންވާނަމަ އިތުރު އަހަރަކަށް ކޮންޓްރެކްޓް ދަންމާލެވިދާނެ އެވެ. އެކަމަކު ދެ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާ ބުނީ "މިއީ އެހެން އަމާޒަކަށް ދަތުރު ކުރަންވީ ވަގުތު،" ކަމަށެވެ.

"މި ވަގުތަކީ އަހަރެން މި ކުލަބަށް ކޮށްދިން ހުރިހާ ކަމެއް ހަނދާން ކޮށްލަންވީ ވަގުތު. މިއީ ޔަގީނުން ވެސް ވަރަށް ރީތި ސޮފުހާއެއް. އަދި އަހަރުމެން މިވަނީ ހީކުރި ވަރަށްވުރެ މާދުރަށް މި ކުލަބު ގެންގޮސްދީފައި. ދެން އޮތީ އެހެން ޗެޕްޓާއެއް ފެށުން،" 500 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ޕުޓެޔާސް ބުންޏެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީނުވެ އެސްޕަނިޔޯލް އާއި ލެވަންޓޭގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޕުޓެޔާސް އަލުން ބާސެލޯނާ އަށް އައީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް 10 ފަހަރު ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުން ގާތީ ވެސް އޭނާ އަށެވެ.

ޕުޓެޔާސް ދާނެ ވަކި ކުލަބެއް ނުބުނެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ޕީއެސްޖީ އާއި އިންގްލޭންޑްގެ ލަންޑަން ސިޓީ ލަޔޮނެސް އާއި އެމެރިކާ އާއި މެކްސިކޯގެ ކުލަބުތަކުން ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ. މީގެ ތެރެއިން އޭނާ ދިއުން އެންމެ ގާތީ ލަންޑަން ސިޓީ އަށް ކަމަށް ބެލެވެ އެވެ. މި ކުލަބުތަކުން އޭނާ އަށް ހުށަހަޅަނީ ބާސެލޯނާ އަށް ވުރެ ބޮޑު މުސާރައެކެވެ.

އޭނާގެ އިތުރުން ބާސެލޯނާގެ އެހެން ބައެއް ކުޅުންތެރިން ވެސް ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ޑިފެންޑަރު މަޕީ ލިއޯން އާއި އާސެނަލް އަށް ބަދަލުވާ އޮނާ ބަޓްލޭ ހިމެނެ އެވެ. އެކަމަކު މާޓާ އާއި ކެރޮލީން ގްރެހަމް ހެންސެން އާއި ސަލްމާ ޕަރަޔުއެލޯ ބޭނުންނަމަށް ބާސެލޯނާއިން ކޮންޓްރެކްޓް އާ ކުރާނެ އެވެ. އެކަމުގެ ވާހަކަތައް ވެސް މިހާރު ވެސް ދަނީ ކުރިއަށެވެ.