ޚަބަރު

އައްޑޫގައި މިފްކޯގެ ފިހާރައެއް ހުޅުވަނީ


  • ދެތިން ދުވަހެއްގެ ތެރޭގައި ފިހާރަ ހުޅުވާނެ

  • މިއީ މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާން ކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މިހާރުވެސް ހުޅުމީދޫގައި ހުންނަ އައިސްޕްލާންޓް މެދުވެރިކޮށް މިފްކޯގެ ބައެއް އުފެއްދުންތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ޚާއްޞަ ފިހާރައެއް ހުޅުވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ، މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިފްކޯގެ އުފެއްދުންތައް މި ސިޓީގެ އެއްފަސްވެފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެން. އައިސްޕްލާންޓް މެދުވެރިކޮށް މަސްދަޅާއި، ވަޅޯމަހާއި ރިހާކުރު ފަދަ ތަކެތި މިހާރުވެސް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައި. ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިފްކޯގެ ހުރިހާ ބާވަތެއް ލިބޭނެ ފިހާރައެއް ހުޅުވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީއަކީ ބޮޑު ސަރަޙައްދަކަށް ވެފައި، ތެޔޮ ހޯދުމަށް ގަމަށް ދިއުމުގައި މަސްވެރިންނަށް ހުރި ދަތިތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ވަޒީރު ވިދާޅުވީ، ހިތަދޫ އައިސްޕްލާންޓާ އިންވެގެން އޮތް ބިން ކައުންސިލުން ހަމަޖައްސައިދީފިނަމަ، އެ ސަރަޙައްދުގައި އެސްޓީއޯގެ ފިއުލް ޝެޑެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހަމައެއާއެކު، ގަމުން ތެޔޮ ލިބޭ ގަޑިތަކާ ގުޅޭގޮތުން ހުރި ޝަކުވާތަކަށް ޙައްލެއް ގެނެސްފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ. ކުރިން ހަވީރު 4 ޖަހާއިރު ޚިދުމަތް މެދުކަނޑާލި ނަމަވެސް، މިހާރު ރޭގަނޑު 10 ޖަހަންދެން ގަމުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.