ޚަބަރު

ޢީދުގައި މަގުމަތީގެ ސަލާމަތާއި، ޞިއްޙީ ރައްކާތެރިކަމަށް ސަމާލުުވުން މުހިއްމު!


  • ހުމާ ރޯގާއާއި ހިމަބިހި ފަދަ ބަލިތައް އިތުރުވާއިރު ޢާއްމު ސިއްޙަތަށް ސަމާލުވާންޖެހޭ

  • މަގުމަތީގައި މީހުން ގިނަވާއިރު ޓްރެފިކު ޤަވާއިދުތަކަށް ސަމާލުކަން ދޭންޖެހޭ

ޢީދާ ދިމާކޮށް އަތޮޅުތެރެއަށް ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު، އަތޮޅުތަކުން މާލެއަށް އަންނަ ފަރާތްތައްވެސްވަނީ އިތުރުވެފައެވެ. މިއާއެކު މާލޭގެ މަގުތަކުގެ ކާރޫބާރުވަނީ ބޮޑުވެފައެވެ. ވީހާވެސް އަމާން އަދި ކުށްމަދު ޢީދެއް ކަށަވަރު ކުރުމަށް ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.

އާންމުކޮށް ސްކޫލުތަކާއި އޮފީސްތައް ނިމޭގަޑިތަކާއި ދިމާކޮށް މާލޭގެ މަގުތަކުގެ ބާރު ބޮޑުވެއެވެ. އެހެންނަމަވެސް ޢީދު ބަންދާ ދިމާކޮށް ގިނަ ވަގުތުތަކެއްގައި ބާރު ބޮޑުވެއެވެ. އެހެންކަމުން ސަލާމަތީ ރައްކާތެރިކަމަށް ސަމާލުވާން ޖެހެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ޒުބެއިރު ވިދާޅުވީ، ޢީދާ ދިމާކޮށް ގިނަ ބަޔަކު މާލެއަށް އަންނައިރު މަގުތައް ޕެޓްރޯލްކޮށް އަމާންކަން ކަށަވަރު ކުރުމަށް ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރު ކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

"މަގުމަތީގައި ފުލުހުން މިހާރު ހަރަކާތްތެރިވާނެ މީހުން ގިނަ ސަރަޙައްދުތައް ބަލައިގެން. ކުށް ގިނަވާނެހެން ހީވާ ސަރަޙައްދުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވާނެ އެފަދަ ކަންކަން މަދުކުރުމަށް." އާދަމް ޒުބެއިރު ވިދާޅުވިއެވެ.

މަގުމަތީގެ އަމާންކަން ކަށަވަރު ކުރުމަށް އާންމުންގެ ފަރާތުންވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އެގޮތުން މަގުމަތީގައި އުޅޭއިރު ޓްރެފިކު ޤަވާއިދުތަކަށް ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެއާއެކު މިދުވަސްވަރު އަތޮޅުތަކުން ގިނަ ބަޔަކު މާލެއަށް އަންނައިރު، މާލޭގައި މަޑުކުރާ ގެސްޓްހައުސް ފަދަ ތަންތަނަކީ ރައްކާތެރި ޔަޤީންކަން އޮންނަ ތަންތަންކަން ކަށަވަރު ކުރުމަށްވެސް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.

މާލެއަށް އަންނަ މީހުން ގިނަވެ މަގުމަތި ހަލަބޮލިވުމުގެ ސަބަބުން ފޭރުމުގެ މައްސަލަތައް އިތުރުވެދާނެތީ ފުލުހުން ވަނީ، މަގުމަތީގައި އުޅުމުގައިވެސް ސަމާލުވުމަށް އިރުޝާދު ދެއްވާފައެވެ. އަދި އެކްސިޑެންޓުތައް ވީހާވެސް މަދުކުރުމަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤަވާއިދުތަކަށް ބޯލެނބުމަށްވެސް ވަނީ ނަސޭޙަތްތެރިވެފައެވެ.

މީގެއިތުރުން މިދުވަސްވަރަކީ، ހުމާ ރޯގާއާއި ހިމަބިހި ފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށްދާއިރު ޢާއްމު ސިއްޙަތަށް ސަމާލުވާން ޖެހެއެވެ. ހުމާއި ރޯގާގެ ޢަލާމާތެއް ހުރިނަމަ ގިނައިން މީހުން އެއްވާ ސަރަޙައްދުތަކަށް ކުޑަކުދިންނާއި އާންމުން ނުދިޔުމަކީ މުހިއްމު ކަމެކެވެ.

ޢީދު ބަންދާއި ދިމާކޮށް މިދުވަސްވަރު ގިނަ ބަޔަކު މާލެއަށް އަންނަނީ ޑޮކްޓަރަށް ދެއްކުމަށާއި، ޒަރޫރީ އެކި ކަންކަމުގައެވެ. އަދި މިދުވަސްވަރު ޢީދަށް ގިނަ ބަޔަކު އަތޮޅުތަކަށް ދަތުރުކުރަމުންދާއިރު، ރަށްރަށުގައިވެސް ކުށްމަދު އަދި ރައްކާތެރި އަމާން ޢީދެއްކަން ކަށަވަރު ކުރުމަށް އާންމު ފަރާތްތަކުން ފަރުދީގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.