ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީޓީބީ ޓްރޭޑް އެގްޒިބިޝަން ކަމަށްވާ "އައިޓީބީ ޗައިނާ 2026"ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ބައިވެރިވެއްޖެއެވެ.
މި މައުރަޒު ކުރިއަށްދާނީ، މިއަދުން ފެށިގެން މިމަހުގެ 28 އަށް، ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.
ވީއެމްސީއިން ވިދާޅުވީ، މި މައުރަޒުގައި ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ ޗައިނާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، އެ ޤައުމުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ އިތުރުން މައިސް (MICE) ޕްލޭނަރުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
އަދި މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެފަހުގެ މައުލޫމާތާއި، ދަތުރުފަތުރުގެ ފަސޭހަތަކާއި، ޚާއްޞަކޮށް ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ތަފާތު ތަޖުރިބާތައް ހިއްސާކުރާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސްޓޭންޑުގައި ލަގްޒަރީ ފަތުރުވެރިކަމާއި، އާއިލީ ޗުއްޓީ، ހަނީމޫން، ވެލްނަސް، ޑައިވިންގ އަދި ސަޤާފީ ދާއިރާއިން ފަތުރުވެރިކަން ފުޅާކުރުމަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
މި މައުރަޒުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތައްޔާރުކޮށްފައިވާ ޕްރޮމޯޝަނަލް މެޓީރިއަލްތަކާއި، ޑިޖިޓަލް ކޮންޓެންޓް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސިންދަފާތުކަން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިނާއަތުގެ ބައިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެފަހުގެ މައުލޫމާތާއި، މޫސުމާ ގުޅޭގޮތުން ތައާރަފުކުރާ ޚާއްޞަ ޕެކޭޖުތަކާއި، ތަޖުރިބާތަކުގެ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޗައިނާގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް މީޑިއާ ބައްދަލުވުންތަކާއި، ޗައިނާގެ މައިގަނޑު ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ޕްރޮމޯޝަނަލް ހަރަކާތްތައް ވެސް މި މައުރަޒާ ގުޅުވައިގެން ކުރިއަށްދާނެ ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
ޗައިނާއަކީ، ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުގައި ޗައިނާ މާކެޓަކީ، ވަރަށް މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. އެހެންކަމުން، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އިސްތިރާޖީ ގޮތުން މި މާކެޓް އިތުރަށް ވަރުގަދަ ކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމަށް ވީއެމްސީއިން ވިދާޅުވެއެވެ.
ޗައިނާއަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓަކަށްވާއިރު، އައިޓީބީ ޗައިނާއަކީ ރާއްޖެ އިޝްތިހާރު ކުރުމަށާއި ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.