މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަނިކް ސިނާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އިޓަލީގެ ސިނާ މި މުބަރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ ކްލެމެންޓް ޓަބޫ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ސެޓުތައް ސިނާ ކާމިޔާބުކޮށްފައިވަނީ ހައެއް ހައެއް, ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.
ފްރެންޗް އޯޕަންގެ އެންމެ ފަހު ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި ފަހަރުގެ މުބާރާތުގައި ވާދަނުކުރާއިރު މި މުބާރާތް ކާމިޔާބުކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ފަރާތަކީ ޔަނިކް ސިނާ އެވެ.
މި މުބާރާތުގައި އިއްޔެ ފްރާންސްގެ ޒުވާން ކުޅުންތެރިޔާ މޮއިސް ކުއާމޭ ވަނީ ޔޫއެސް އޯޕަން ގެ ޗެމްޕިއަން މަރިން ސިލިޗް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާ މިފަދަ ބޮޑު މުބާރާތެއްގެ މެޗަކުން މޮޅުވި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
މަރިން ސިލިޗް ހަތެއް ހައެއް, ހައެއް ދޭއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން ބަލިކޮށް ކުއާމޭ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ.