ޚަބަރު

ދެކުނު އެފްރިކާގެ ސްކޮޑުގައި މުޅިން އައު ދެ ކުޅުންތެރިން


އަންނަ މަހު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ދެކުނު އެފްރިކާގެ ސްކޮޑުގައި ގައުމީ ޓީމަށް މުޅިން އައު ދެ ކުޅުންތެރިން ހިމަނައިފި އެވެ.

ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ކޯޗު ހޫގޯ ބްރޫސް އިއްޔެ އިއުލާން ކުރި 26 ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމަށް މުޅިން އަލަށް ނަގާފައިވާ ދެ ކުޅުންތެރިންނަކީ ދެ ޑިފެންޑަރުން ކަމުގައިވާ އޮލްވެތޫ މަހަންޔާ އާއި ބްރޭޑްލީ ކްރޮސް އެވެ.

އުމުރުން 22 އަހަރުގެ މަހަންޔާ އެމެރިކާގެ މޭޖަރ ލީގުގެ ފިލަޑެލްފިއާ ޔޫނިއަން އަށް ކުޅެމުންދާއިރު 25 އަހަރުގެ ކްރޮސް, ނިއުކާސަލް ޔުނައިޓެޑްގެ އެކަޑަމީގައި ހުރުމަށްފަހު މިހާރު ކުޅެމުންދަނީ ސައުތު އެފްރިކާގެ ކެއިޒަރ ޗީފްސް އަށެވެ.

16 އަހަރަށްފަހު ސައުތު އެފްރިކާއިން ވޯލްޑްކަޕްގައި މި ފަހަރު ވާދަކުރާއިރު ބްރޫސްގެ ސްކޮޑުގައި ދެން ހިމެނޭ ހައިރާންކުރުވަނިވި ކުޅުންތެރިއަކީ އުމުރުން 36 އަހަރުގެ މިޑްފީލްޑަރ, ތެމްބާ ޒްވާނޭ އެވެ.

މި ފަހަރުގެ ވޯލްޑްކަޕްގައި ސައުތު އެފްރިކާ ހިމެނޭ ގްރޫޕް އޭ ގައި ދެން ހިމެނެނީ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ މެކްސިކޯގެ އިތުރުން ޗެކް ރިޕަބްލިކް އާއި ސައުތު ކޮރެއާ އެވެ.

ސައުތު އެފްރިކާގެ ކޯޗު, ބެލްޖިއަމް އަށް އުފަން އުމުރުން 74 އަހަރުގެ ބްރޫސް ވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގައި ބެލްޖިއަމް އަށް ކުޅެ އެ ޓީމަށް މުބާރާތުގެ ހަތަރުވަނަ މަގާމު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.