ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިން ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފި


  • ޢީދުގެ ހަރަކާތްތަކުގައި ސްރީ ލަންކާގައި ދިރިއުޅޭ ޢާއިލާތަކުން ވަނީ ބައިވެރިވެފައި

  • ދިވެހިންގެ ސަގާފީ ކުޅިވަރުތައް ވަނީ ބާއްވާފައި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިން ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ފެށީ ބޮޑު ޖަމާޢަތުގައި ކުރި ޢީދު ނަމާދުންނެވެ.

ސޯސަން ވިލާގައި ބޭއްވި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ. ޢީދު ނަމާދަށްފަހު ޢީދު ސައިވެސްވަނީ ބާއްވާފައެވެ. ޢީދު ސައިގައިވެސް ސްރީ ލަންކާގައި ދިރިއުޅޭ ޢާއިލާތަކުން ވަނީ ބައިވެރިވެފައެވެ.

ޢީދު ސަޔަށްފަހު ދިވެހިންގެ ސަގާފީ ކުޅިވަރުތައް ހިމެނޭ ގޮތަށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރި ވެވޭގޮތަށް ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އޭގެތެރޭގައި ޢީދުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ ބޮޑުމަސް ބޭނުމާއި މާލި ނެރުން ހިމެނެއެވެ.

އަވަށްޓެރި ސްރީ ލަންކާއަކީ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ އެއް ޤައުމެވެ. ތަޢުލީމު ހާސިލްކުރުމަށާއި، ބޭސްފަރުވާއަށް އަދި ވިޔަފާރީގެ އެކި ބޭނުންތަކަށް ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ގިނައިރު އެ ޤައުމުގައި ދާއިމީކޮށް ދިރިއުޅޭ ދިވެހި އާއިލާތައްވެސް ގިނައެވެ.

އަމިއްލަ ޤައުމާއި އާއިލާއާ ދުރުގައި އުޅޭ މީހަކަށް ޢީދު ފަދަ ބޮޑު މުނާސަބަތެއްގައި އަމިއްލަ ދިވެހި އަޚުންނާއި އުޚުތުންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު އުފާވެރިކަމެކެވެ.

ސޯސަންވިލާއަކީ ހަމައެކަނި މިފަދަ ހަރަކާތްތައް ބާއްވާ ތަނެއް ނޫނެވެ. އެއީ ލަންކާގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ ދިވެހިން ކުޅިވަރާއި މުނިފޫހިފިލުވުމަށް ޖަމާވާ މަރުކަޒެކެވެ. އަދި ރާއްޖޭގެ ތަޢުލީމީ މުޤައްރަރާ އެއްގޮތަށް ދިވެހި، އިސްލާމް އަދި ޤުރުއާން ފަދަ މާއްދާތައް ކިޔަވައިދީ، ދިވެހި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވައިދޭ މުހިންމު ބިނާއެކެވެ.