ޚަބަރު

ވަންގަވް މެދުވެރިކޮށް 23 އިދާރާއެއްގެ 400އަށްވުރެ ގިނަ ޚިދުމަތް


  • އިތުރު ޚިދުމަތްތައް ވަންގަވް ޕްލެޓްފޯމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި

ވަންގަވް ޕްލެޓްފޯމު މެދުވެރިކޮށް 23 އިދާރާއެއްގެ 400އަށްވުރެ ގިނަ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމަށް މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮންޕެނީ، މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވިދާޅުވެެއްޖެއެވެ. ސަޢީދާ ވިދާޅުވީ، ވަންގަވް ޕްލެޓްފޯމުން ރައްޔިތުންނަަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން "ޓްރޭޑް ޓެސްކު ވިތު އަނާ"ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޕޮޑްކާސްޑުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮންޕެނީ، މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރު ވަނީ އެކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.

ސަޢީދާ ވިދާޅުވީ، އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެއް ޕްލެޓްފޯމެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ވަންގަވް ޕްލެޓްފޯމުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. މީގެ ކުރިން މި ޕްލެޓްފޯމުގެ ދަށުން 26 އިދާރާއަކަށް ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، ސަރުކާރުގެ އިދާރީ ހިންގުމަށް ގެނައި ބަދަލާއެކު މިހާރު ޚިދުމަތް ދެނީ 23 އިދާރާއަކަށް ކަމަށް ސަޢީދާ ވިދާޅުވިއެވެ.

ސަޢީދާ ވިދާޅުވީ މި ޕްލެޓްފޯމުގެ ދަށުން މިހާރުވެސް 400އަށްވުރެ ގިނަ ޚިދުމަތް އަދި 300އަށްވުރެ ގިނަ އާންމު މަޢުލޫމާތު ލިބެން ހުންނާނެކަމަށެވެ. އަދި މި ޕްލެޓްފޯމުގެ ދަށުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރުކުރުމަށް ކުރިއަށް ރާވާފައިވާ ކަންކަންވެސް ސަޢީދާ ހިއްސާކުރެއްވިއެވެ.

"މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެގެންގޮސްފައި މިވަނީ އެކިއެކި އިދާރާތަކުން މި ދޭ ޚިދުމަތްތަކުގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތައާ ގާތްކުރާ އަދަދެއްގެ ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް އެ ޕްލެޓްފޯމަށް ގެނައުމަށް މަސައްކަތް ކުރުން. އަދި ކައުންސިލްތަކުންވެސް ރައްޔިތުންނަށް މި ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ 40 އިންސައްތަ އެ ޕްލެޓްފޯމު މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުން މިދަނީ" ސަޢީދާ ވިދާޅުވިއެވެ.

"ވަންގަވް" ޕޯޓަލްއަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތް، އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.

2023 ވަނަ އަހަރު އިފްތިތާހް ކުރި ވަންގަވް ޕްލެޓްފޯމްގައި ފުރަތަމަ ހިމަނާފައި އޮތީ 5 އިދާރާއަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތަކެވެ. އޭރު ޚިދުމަތް ދެމުން ގެންދިޔައީ ފުރަތަމަ އަންނަ އިދާރާއަށް ފުރަތަމަ ޚިދުމަތް ފޯރުކޮށްދޭ އުޞޫލުންނެވެ. އޭރު އޮތީ ވިިޔަފާރިއާ ގުޅުން ހުރި ޚިދުމަތްތަކަށެވެ. ނަމަވެސް ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް މިޕްލެޓްފޯމަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.