ޓުއަރިޒަމް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް ނިންމާވާލައިފި


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމަށް ޓުއަރިޒަމް މިނިސްޓްރީން ހިންގެވި ޙަރާކާތްތައް ރޭ ނިންމަވާލައްވައިފިއެވެ. މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ގިނަ ޙަރަކާތަކެއް ޓޫރިޒަމް މިނިސްޓްރީން ހިންގަވާފައިވާއިރު މި ހަރަކާތްތައް ނިންމަވާލެއްވީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގާލާ ޑިނަރ ނައިޓުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ރިސޯޓްކަމުގައިވާ، ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވެވި މި ގާލާ ޑިނާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުޤައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކިއެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެގެން އައި ގޮތާއި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އައި ގޮތުގެ އިތުރަށް މިހާރުގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވެވިއެވެ.

މިގޮތުން ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ކުރި ދިރާސާއަކުން ރާއްޖޭގައި ޓޫރިޒަމް ކުރިއަށް ނުގެންދެވޭނެ ކަމަށް ހާމަކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދު ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި ރާއްޖެ ހިމެނިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިސިނާޢަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިސްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ރޭގެ ގާލާ ޑިނާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކެޓްރީ ޖެނެރަލް، އަޙްމަދު ނަޒީރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރޭގެ ގާލާ ޑިނާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލްގެ ވީޑިއޯ ޚިތާބެއް ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު ނިމޭއިރު ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވުމަށް ކުރާ މަސައްކަތާ ގުޅިގެން އެކަމުގެ ޝަރަފްގައި ހަނދާނީ ފިލައެއް، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.