ޚަބަރު

ލުބްނާނުގެ ދިފާޢުގައި އީރާނުން ޔަހޫދީންނަށް ޙަމަލާ ދީފި


ޔަހޫދީންނަށް އަމާޒުކޮށް އީރާނުން މިސައިލް ޙަމަލާތަކެއް ދީފިއެވެ. އީރާނުން ޔަހޫދީންނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީން ދެކުނު ލުބުނާނަށް ޙަމަލާ ދިނުން ހުއްޓާނުލައިފި ނަމަ އިތުރު ޙަމަލާތަކެއް ދޭނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު، އައިއާރުޖީސީން ވަނީ ޔަހޫދީންގެ ރަމަތު ޑޭވިޑް އަސްކަރީ މަރުކަޒަށް މިސައިލް ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެ ޙަަމަލާތަކަކީ ދެކުނު ލުބުނާނުގެ ޞޫރް އަދި އައްނަބަޠިއްޔާ ސަރަޙައްދަށް ޔަހޫދީން ޙަމަލާދީ ރައްޔިތުން ޝަހީދުކޮށް، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިއުމަށް މަޖުބޫރުކޮށްފައިވާތީ އޭގެ ބަދަލުގައި ދެމުންދާ ޙަމަލާތަކެއް ކަމަށް އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި އެ ޙަމަލާތަކަކީ އިންޒާރެއް ކަމަށާއި ޔަހޫދީން އިތުރަށް ޙަމަލާ ދޭނަމަ ޙަމަލާތައް އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެ ފަދަ ޙާލަތެއްގައި މެދުއިރުމަތީގައި ހުންނަ އެމެރިކާއާއި ޔަހޫދީންގެ އެންމެހާ މަސްލަހަތުތަކަށް ޙަމަލާ ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޙަމަލާތަކުގެ ބަދަލުގައި ރައްދު ޙަމަލާ ނުދިނުމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ޙާމަލާއިން މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫ ރައްދު ޙަމަލާއެއް ދީފި ނަމަ ޙަމަލާ ބަދަލުކުރުން ނުހުއްޓޭނެ ކަމަށެވެ. އަދި ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުގެ ސަބަބުން އެ މަސައްކަތް ހުއްޓެން އެދިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް އީރާނުގެ ޙަމަލާގެ ބަދަލުގައި ޔަހޫދީން ވަނީ އީރާނަށް ޙަމަލާ ދީފައެވެ. އެ ގޮތުން އީރާނުގެ ތެހްރާންއާއި އިޞްފަހާންއާއި ތަބްރީޒަށް ޙަމަލާތައް އަމާޒުވެފައިވާ ކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ.