ޚަބަރު

ގަބޫލުކުރަނީ އަހަރުމެންނަކީ މުބާރާތުގެ ޗެމްޕިއަނުން ކަމަށް: ބަންގްލަދޭޝް ކޯޗު


  • ޓީމުގެ ކުޅުމާމެދު އުފާވާކަމަށް ބުނި

  • މުބާރާތުގައި ރެފްރީންގެ މައްސަލަ ގިނަކަން ފާހަގަކުރި

  • ރާއްޖެއާ އެއްވަރުވެ ބަންގްލަދޭޝަށް ވަނީ މުބާރާތް ނިމިފައި

މުބާރާތުގެ ހަގީގީ ޗެމްޕިއަނުންނަކީ ބަންގްލަދޭޝް ކަމަށާއި، މުޅި މުބާރާތުގައި ވެސް ރެފްރީންގެ ފަރާތުން ގިނަ މައސަލަތަކެއް ފެނުނުކަމަށް އެ ޓީމުގެ ކޯޗު މަރްފުލް ހައްކު ބުނެފިއެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރޭ ރާއްޖެއާ ބައްދަލުކޮށް، 1-1 އިން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަންގްލަދޭޝްގެ ކޯޗު ވަނީ، އެޓީމު މުބާރާތާ ކުރިމަތިލީ ތަށި ހޯޑަންކަމަށް ބުނެ ބުނަމުން އައި ބުނުން ތަކުރާރުކޮށް، އޭނާ ގަބޫލުކުރާ ގޮތުގައި އެކަން ހާސިލުވެއްޖެކަމަށް ބުނެފައެވެ. އެޓީމު ފައިނަލަށް ނުދިއުން، ކޯޗު މަތިކުރީ ރެފްރީންގެ ގޯސް ނިންމުންތަކާއެވެ.

"މިތަނުގަ އަހަރެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެބަ ބުނަން އަހަރުމެން މިތަނަށް އައީ ތަޖުރިބާ ހޯދާކަށް ނޫނޭ، އަހަރުމެން އައީ ތަށިނަގާށޭ. އަހަރެން ދެކޭ ގޮތުގައި މި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ޓީމުން ހޯދައިފި. ހަގީގަތުގަ އެކަން ނުވީ އެންމެ ފުރަތަމަ މެޗުން ފެށިގެން ރެފްރީންގެ ގޯސް ނިންމުންތަކާހެދި. ޕާކިސްތާނު މެޗުގައިވެސް ރެފްރީ އަހަރުމެންނަށް ވަރަށް ބައިވަރު ފައުލް ނުދިން. އަހަންނަށް ހީވަނީ މިއީ ގަސްދުގައި ކުރި ކަމެއްހެން." ކޯޗު މަރުފުލް ހައްކު ބުންޏެވެ.

ކޯޗުގެ ވާހަކައިގައި އިތުރަށް ބުނެފައި ވަނީ، ރެފްރީންގެ މިފަދަ ނިންމުންތަކަކީ ރާއްޖޭގެ އިތުރުން ސަރަހައްދުގައިވެސް ފުޓުބޯޅައިގެ ފެންވަރު ދަށަށްދާން ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމުގައެވެ.

ކޯޗުގެ ވާހަކައިގައި އިތުރަށް ވަނީ، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ނެރުނު ޓީމާއި މިހާރު އޮތް ޓީމު އަޅާކިޔާ، އޭރު އޮތް ޓީމު ހުރިހާ ގޮތަކުންވެސް ރަނގަޅު ކަމަށް ބުނެފައެވެ.

ރޭގެ މެޗަކީ ބަންގްލަދޭޝް އަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ނަމަވެސް، ރާއްޖެއާ އެއްވަރުވުމުން ބަންގްލަދޭޝް އަށް މިވަނީ މުބާރާތުގެ ތިންވަނަ ޓީމުގެ ގޮތުގައި މުބާރާތް ނިންމާލަން ޖެހިފައެވެ. މެޗުގައި ފެނިގެންދިޔަ ދެ ގޯލަކީވެސް ޕެނަލްޓީން ކާމިޔާބުކުރި ދެ ގޯލެވެ. ރާއްޖޭއަށް މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ޢަލީ ފާސިރެވެ. ބަންގްލަދޭޝްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިރަޖުލް އިސްލާމެވެ.

މި މެޗު އެއްވަރުވުމާއެކު، ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝްއަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ. ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝަށް އޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ ބަލިކުރުމެވެ.

ލީގު ބުރުގެ ފަހުމެޗަށްފަހު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު، އެއްވަނައިގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދި ޕާކިސްތާނަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އަފްޣާނިސްޠާނުން ފައިނަލްގެ ޖާގަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

ތިންވަނަ ލިބުނު ބަންގްލަދޭޝްއަށް ތިން މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި ރާއްޖެ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.