ފިލިޕީންސަށް އައި ބިންހެލުމުގެ ސަބަބުން އޭޝިއާގެ އެކި ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ ދެކުނުގެ ރަށެއް ކަމަށްވާ މިންދަނާއޯގެ އައްސޭރިފަށަށެވެ. ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ ގަޑިން 7:40 އެހާއިރެވެ.
ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސިސްމޮލޮޖީން ބުނި ގޮތުގައި، ފުރަތަމަ އައި ބިންހެލުމަށްފަހު އެއް ގަޑިއިރަށްވުރެ ގިނައިރު ވަންދެން ލޮޅުންތައް އައިސްފައިވެއެވެ.
ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިންޑަނާއޯގެ ޖެނެރަލް ސަންތޯސް ސިޓީގައި ހުރި، 'ޖޮލިބީ' ރެސްޓޯރަންޓެއް ހިންގާ ތިން ބުރީގެ އިމާރާތެއް ވެއްޓިފައިވެއެވެ. އެހެން ފޮޓޯތަކުން ފެންނަ ގޮތުގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ފުރާޅުތައް ވަނީ ވެއްޓިފައެވެ.
ފިލިޕީންސްގެ ބިންހެލުންތަކާ ބެހޭ އިދާރާއިން ބުނީ، ދެކުނު ސަރަހައްދެއް ކަމަށްވާ ސޮކްސްސާރޖެންގެ ސިޓީއަށް އައި ބިންހެލުމަކީ އެ އިދާރާގެ އިންޓެންސިޓީ ސްކޭލުން ބަލާއިރު 10 އަކުން 7ގެ "ވަރަށް ބާރުގަދަ" ބިންހެލުމެއް ކަމަށެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ، އޮފީސް އޮފް ސިވިލް ޑިފެންސް އާއި ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލް ހިމެނޭ ގޮތަށް ކާރިސާތަކާ ބެހޭ އެމަޖެންސީ އިދާރާތައް މިހާރު އެލާޓަށް ގެނެސްފައިވާ ކަމަށެވެ. މާކޯސް ވަނީ ސުނާމީގެ ރާޅުތައް އެރުމުގެ ނުރައްކާ އޮތުމުން، ސަރުކާރުގެ އިރުޝާދުތަކަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. މާކޯސް އިތުރަށް ވިދާޅުވީ މިންޑަނާއޯގެ އެތައް ޕްރޮވިންސެއްގެ ސުކޫލުތައް މިއަދަށް ބަންދުކޮށްފައިވާ ކަމަށެވެ.
އެމެރިކާގައި ހުންނަ ޕެސިފިކް ޓްސުނާމީ ވޯނިންގ ސެންޓަރުން ކުރިން ބުނެފައިވަނީ ފިލިޕީންސްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 3 މީޓަރު (9.8 ފޫޓު)ގެ އުސް ސުނާމީ ރާޅު އަރާފާނެ ކަމަށެވެ. އަދި އިންޑޮނޭޝިއާ އާއި މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށް 1 މީޓަރު (3.3 ފޫޓު) އާ ހަމައަށް ރާޅު އެރުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ޖަޕާން، ފިލިޕީންސް އަދި އިންޑޮނޭޝިއާގެ އޮފިޝަލުން ވަނީ ނުރައްކާތެރި ރާޅުތަކެއް އަރާފާނެ ކަމުގެ އިންޒާރު ނެރެ، އައްސޭރިފަށުގެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިރުޝާދު ދީފައެވެ. އިންޑޮނޭޝިއާއިން ވެސް ވަނީ ސުލަވެސީ، ގޮރޮންޓާލޯ ޕްރޮވިންސް އަދި ސަންގިހޭ ރަށްތަކުގެ ބައެއް ސަރަހައްދުތަކުގެ މީހުން ވަގުތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަމުރުކޮށް، އުސް ބިންތަކަށް ބަދަލުވުމަށް ރައްޔިތުންނަށް އަންގާފައެވެ.
ޖަޕާނުގެ އެކަހެރި ރަށްތައް ކަމަށްވާ އޮކިނާވާއާއި އެ ޤައުމުގެ ދެކުނު އައްސޭރިފަށަށް ވެސް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ.