ޚަބަރު

މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި


  • މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތައް އަޑުއެއްސެވި

  • ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ މަސައްކަތް ބައްލަވާލެއްވި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިފްކޯގެ ސީއީއޯ އަނަސް ތިނަދޫ މަސްވެރިންނާ ބައްދަލުކުރެއްވީ މަޤާމާ ޙަވާލުވުމައްފަހު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ މިފްކޯގެ ވަސީލަތްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް އެ ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.

ތިނަދޫ މަސްވެރިންގެ ޖެޓީ ސަރަޙައްދުގައާއި މަސްވެރިންގެ މައިޒާނުގައި މަސްވެރިންނާ ބައްދަލުކުރައްވައި ސީއީއޯ ވަނީ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި މަސްވެރިންނަށް މިފްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަސްވެރިންނާ މަޝްވަރާކުރެއްވިއެވެ. މިގޮތުން ވަކިވަކި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ އަޑުއައްސަވައި، އެ ކަންކަމަށް މަސްވެރިން އެދޭ ހައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސީއީއޯ ދެއްވިއެވެ.

މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު، މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި މަސްވެރިންނާ ގުޅުން ބަދަހިކޮށް، މަސްވެރިންގެ ޙާލަތާއި ބޭނުންތައް ގާތުން ދެނެގަނެ، މިފްކޯގެ ޚިދުމަތްތަކާއި ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި ދަތުރުފުޅުގައި ސީއީއޯ އަނަސް ވަނީ ތިނަދޫގައި މަސް ގަނެ، ފިނިކޮށް، ރައްކާކުރުމަށްޓަކައި ފަށާފައިވާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވައިލައްވާފައެވެ. ތިނަދޫގައި ގާއިމުކުރާ މި ފެކްޓަރީގެ މަސައްކަތް ނިމުމުން މަސްކިރުވުމުގައި ހުވަދުއަތޮޅު މަސްވެރިންނަށް، ވަކިން ޚާއްޞަކޮށް ހުވަދުއަތޮޅު ދެކުނުބުރީ މަސްވެރިންނަށް ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

މިފްކޯގެ އަމާޒަކީ މަސްވެރިންނާއެކު ގުޅިގެން މަސައްކަތްކޮށް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.