މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ މަސައްކަތްތައް ވަށާޖެހޭނީ ހުރިހާ ޚިދުމަތެއް ހޯދޭނެ ފުރިހަމަ ލެބޯޓަރީއަކާއި އެކުގައި ކަމަށާއި، އެލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހާރު ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު "ޤައުމީ ފުޑް ސޭފްޓީ ލެބޯޓަރީ" އެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ، ރާއްޖެއަށް އެތެރެކުރާ ތަކެތި މިހާރަށްވުރެ އަވަހަށް އަދި ތަފްޞީލުކޮށް ޓެސްޓުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރާ މަސައްކަތެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޞިއްޙަތާ އާއިލާއާއި އިޖުތިމާޢީ އެހީއާއިބެހޭ ވަޒީރުގެ ނައިބު އިސްމާއިލް ޒާހިރު ވިދާޅުވީ، ހުޅުމާލޭގައި މި ލެބޯޓަރީގެ އިމާރާތް ކުރުމަށް ހަދާ ފީސިބިލިޓީ ރިޕޯޓު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ، އިމާރާތް ކުރެހުމުގެ މަސައްކަތްތައް ކަމަށާއި، އުއްމީދުކުރަނީ މިއަހަރުގެ ފަހު ކުއާޓަރގައި މިއިމާރާތް ހެދުމަށް އިއުލާން ކުރެވޭނެ ކަމަށެވެ. މި ލެބޯޓަރީ ވާނީ، ހުރިހާ ކަމެއް ފުރިހަމަ ލެބޯޓަރީއަކަށް ކަމަށާއި، މި މަޝްރޫޢު ކުރިޔަށް ގެންދަނީ، ޑޯނާ ފަންޑެއްގެ އެހީގައިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޒާހިރު ވިދާޅުވީ، މިމަޝްރޫޢު ނިމޭއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޒަމާނީ ވަސީލަތްތަކާއިއެކު ކާބޯތަކެތި ޓެސްޓުކުރުމުގެ ނިޒާމު ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ހެވީ މެޓަލްއާއި ޕެސްޓިސައިޑް ޓެސްޓުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީސް މިހާރު އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. މިހާރު ކުރިޔަށްދަނީ ބޭނުންވާ ކެމިކަލް ހޯދުމުގެ މަސައްކަތްތައް ކަމަށާއި، މި މަސައްކަތްވެސް މިއަހަރު ކުރިޔަށްދާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
" ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވޭ ހެވީ މެޓަލް ޤާއިމުކުރުމާއި ޕެސްޓިސައިޑް ޓެސްޓުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް. މިކަމަށް މިހާރު މެޝިނަރީޒް އިންސްޓޯލް ކުރެވިފައި ހުރީ. މިހާރު އަޅުގަނޑުމެން ކުރިޔަށް މިގެންދަނީ ބޭނުންވާ ކޮންސިޔުމަބަލްސް ހޯދުމަށް އެ ބޭނުންވާ ކެމިކަލްސް ހޯދުމުގެ މަސައްކަތް." ޞިއްޙަތާ އާއިލާއާއި އިޖުތިމާޢީ އެހީއާއިބެހޭ ވަޒީރުގެ ނައިބު އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއެފްޑީއޭގެ ފުޑް ސޭފްޓީ އެޝުއަރެންސް ކޯޑިނޭޓަރ ޚާލިސާ މުހަންމަދު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރާ ރާއްޖޭގެ މައި އިދާރާގެ ހައިސިއްޔަތުން އެމްއެފްޑީއޭގެ މަސައްކަތްތައް ވަށާޖެހިގެންދާނީ، ފުރިހަމަޔަށް ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވޭ ފަދަ ލެބޯޓަރީއެއް ޤާއިމުކުރެވިގެން ކަމަށެވެ. އަދި ހެވީ މެޓަލް ޤާއިމުކުރުމާއި ޕެސްޓިސައިޑް ޓެސްޓުކުރުމުގެ މަޝްރޫޢުގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބޭނެކަންވެސް ހާލިސާ ފާހަގަކުރެއްވިއެވެ.
" ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރެގިޔުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން އެމްއެފްޑީއޭއިން ކުރަމުންދާ މަސައްކަތް ވަށާޖެހޭ މަސައްކަތަކަށް ވާނީ އަޅުގަނޑުމެންނަށް ފުލްފްލެޖް ލެބޯޓަރީއެއް ޤާއިމުކުރެވިގެން ދިޔުމުން ޚާއްސަކޮށް ޕެސްޓިސައިޑްސް އެންޑް ހެވީ މެޓަލްސް، ކެމިކަލް ކޮންޓެމިނެންޓްސް ޚާއްސަކޮށް ދެނެގަތުމަކީ ވަރަށް ސޮފެސްޓިކޭޓެޑް އިކިޕްމެންޓްސްތަކެއް ބޭނުންވޭ." ހާލިސާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ތަޙުލީލު ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ އެއް މެޝިން މިހާރު ރާއްޖެއަށް ލިބިފައިވާކަން އެމްއެފްޑީއޭއިން ފާހަގަކުރައްވައެވެ.
ދިވެހިރާއްޖޭގެ "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، ކާބޯތަކެތީގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާއާއި ކެމިކަލް ފަދަ ތަޣައްޔަރުވާ މާއްދާތައް ސައިންޓިފިކް މިންގަނޑުތަކުން ތަޙުލީލު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ލެބޯޓަރީތަކާއި ވަނީ ޙަވާލުކޮށްފައެވެ. އެ ތަންތަނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ޤަބޫލުކުރާ ފަންނީ މިންގަނޑުތަކަށް ފެތޭ، ބައިނަލްއަޤުވާމީ "ގުޑް ލެބޯޓަރީ ޕްރެކްޓިސް"އާ އެއްގޮތަށް ތަމްރީނު ލިބިފައިވާ ފަންނީ މީހުން މަސައްކަތް ކުރާ ތަންތަނަށް ވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤައުމީ ފަންނީ ޤާބިލުކަން އިތުރު ކުރުމުގެ މަސައްކަތާއި، އެކަމަށް ބޭނުންވާ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް އެމްއެފްޑީއޭއިން މިހާރު ދަނީ ކުރަމުންނެވެ.