ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމުގައި ރާއްޖެއަށް ގެންނެވި އިޤްތިޞާދީ ބަދަލުތަކަކީ ދުނިޔޭގައިވެސް ބަލައިގަންނަ ރާއްޖޭގެ ރައްޔިތުންނަށްވެސް ވަރަށް ފައިދާހުރި ސިޔާސަތެއްކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ 2022 އާއި 2023ވަނަ އަހަރު ތެރެއަށް ދިޔައިރު ރަނގަބީލަކީ ރާއްޖޭގެ ބަނގުރޫޓުވަނީކަމަށާއި މީގެ ސަބަބުން ބަނގުރޫޓުވާ ގަޑީގައި ބައެއް މީހުން ވަޒީފާގައި ތިބެންވެސް ބޭނުންނުވިކަމަށެވެ. އެހެންނަމަވެސް އައިއެމްއެފްގެ އެއްވެސް ޕްރޮގްރާމެއް ނުނަންގަވަން ނިންމަވާ އެކަން ބޭރުގެ މީޑިއާތަކަށް އިޢުލާން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭރު ނިންމަވައި އެކަން އިޢުލާން ކުރެއްވުމުންވެސް ދުނިޔޭގެ ހުރިހާ އެޖެންސީއަކުންވެސް ބުނަމުން އައީ ދަރަނި ނުދެއްކޭނެކަމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ. ރައީސްގެ ހިތްވަރާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއިން މިހާރުވަނީ ބިލިއަނެއްހާ ޑޮލަރުގެ ދަރަނި މިއަދު ދައްކާފައެވެ. މޫސާ ޒަމީރު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދެއަހަރާ ބައިގެ ތެރޭގައި 1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުނު އެއްވެސް ސަރުކާރެއް ނެތްކަމަށެވެ.
ޒަމީރު ވިދާޅުވީ މިދިޔަ 3 މަސްދުވަހަށް ބަލާއިރުވެސް ކައިރި ޤައުމުތަކުގެ އިޤްތިޞާދު ވަރަށްބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. ނަމަވެސް މިހާރު ފެންނަން މިއޮތީ އެޤައުމުތަކަށް ކުރިމަތިވި ފަދަ ކަންކަން ރާއްޖޭގައި ހައްލުކޮށްގެން ކުރިއަށްދާން ރައީސް ނިންމަވައި ރައީސްގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރުމުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ ޕިޗްގެ ރޭޓިން މަތިވެގެން މިދިޔައީ ހަނގުރާމައިގެ މިދަތި ހާލުގައިވެސް ރައީސް ގެންގުޅުއްވި އިޤްތިޞާދީ ސިޔާސަތު ރަނގަޅުވުމުންކަމަށެވެ.
"ހަނގުރާމައިގެ މިދަތި ހާލުގައިވެސް ރައީސް ގެންގުޅުއްވި އިޤްތިޞާދީ ސިޔާސަތު ރަނގަޅުވުމުން ނޫންތޯ ޕިޗުން މިވަރުގެ ރޭޓިންއެއް ރާއްޖެއަށް ދިނީ. ރައީސްގެ ވެރިކަމުގައި ގެންނެވި އިޤްތިޞާދީ ބަދަލުތަކަކީ ދުނިޔޭގައިވެސް ބަލައިގަންނަ ރާއްޖެގެ ރައްޔިތުންނަށް ވަރަށް ފައިދާ ހުރި ޕޮލިސީއެއް" ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ކައިރު މުސްތަޤްބަލެއްގައި ރާއްޖެ ދަރަނިވެރިވާނެއޭ އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގައި މިހާރު ނޯންނާނެކަމަށެވެ.
ޒަމީރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ އަބަދުވެސް ހުންނާނީ ޕާޓީގައި ކަމަށާއި ޕާޓީއަކުން ދުރަށް ވަޑައި ނުގަންނަވާނެކަމަށެވެ. އަދި އަބަދުވެސް ދެމިހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އުފެއްދުންތެރި ފިކުރާއެކުކަމަށާއި ރައީސް ކުރައްވާ ކޮންމެ ކަމެއްގެ ފަހަތުގައި އަބަދުވެސް ދެމިހުންނަވާނެކަމަށްވެސް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.