ޚަބަރު

ޙައްޖުން އެނބުރި އައުމަށްފަހުވެސް އާޚިރަތަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ


  • ޙައްޖުގެ ނަތީޖާ ބައްޓަންވަނީ މީހާގެ އުޅުމާ ގުޅުންތަކުގެމައްޗަށް

  • ގޯސް ޢަމަލުތަކަށް އަނބުރާ ނުދިއުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ

  • ނަފްސު ވަޒަންކުރުމަކީ މުހިންމު ކަމެއް

ޙައްޖުގެ މަތިވެރި އަޅުކަމަކީ ޝަރުތުތައް ފުރިހަމަވެ، އެކަމަށް މަގުފަހިވުމާއެކު ކުދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

ޙައްޖުގެ އަޅުކަމަށް ސައުދީން ކަނޑައަޅާފައިވާ އުސޫލުތަކުގެމަތިން ދިވެހި ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށް ފައިސާ ދައްކާ، އެތަށް އަހަރެއްގެ ދިގު ކިއުގައި، ޙައްޖުގެ އަޅުކަމުގެ މި މާތް ފުރުޞަތުގެ އިންތިޒާރުގައި އެތައް ބަޔަކު މިހާރުވެސް އެބަތިއްބެވެ.

މާތްﷲގެ ރަޙްމަތްފުޅުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަމުން ފުރުޞަތު ލިބުނު އެންމެހާ ދިވެހި ޙާއްޖުވެރިން، ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު މިހާރު މިވަނީ އަމިއްލަ ޤައުމަށް އައިސްފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުން ޙައްޖުވެރިޔާއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއަކީ ދަތުރުގެ ކާމިޔާބީއެއް ނޫންނެވެ. އެކަން އެންމެ ބޮޑަށް ބިނާވަނީ މި މަތިވެރި އަޅުކަމުން އެނބުރިގޮސް، ޢަމަލުތައް ބައްޓަންކުރާގޮތުގެ މައްޗަށެވެ. މިއަހަރު ޙައްޖު ދަތުރުގައި ދިވެހި ޙައްޖުވެރިންނާއެކު ބައިވެރިވެވަޑައިގެންނެވި ޝެއިޙް ޢަބްދުލްޤާދިރް މުޙައްމަދު ވިދާޅުވީ ތިމާގެ ޙައްޖަކީ މަބްރޫރް ޙައްޖެއްކަން ދެނެގަންނާނީ ދަތުރުން އެނބުރި ދިއުމަށްފަހު، ދުނިޔެއަށް ޒުޙުދުވެރިވެ، ތިމާ އާޚިރަތައްޓަކައި ކުރާ އުއްމީދާއި މަސައްކަތުންކަމަށެވެ.

"ޢަމަލުތައް ބައްޓަންވާންވާނީ އާޚިރަތައް. ކުރިން ގޯސްކޮށް ކުރެވިފައިވާ ކަންކަން ދޫކޮށް، ﷲގެ މަގަށް ރުޖޫޢަވާންވީ. އާޚިރަތައްޓަކާ ކުރާ މަސައްކަތްތައް ގިނަކުރަންވީ. ހެޔޮލަފާ ޞާލިޙު ބަޔަކަށްވުން އަޒުމަކަށްވާންވީ." ޝެއިޚް ޢަބްދުލްޤާދިރު ވިދާޅުވިއެވެ.

ޙައްޖުން ޙާސިލްކުރަން ބެނުންވާ ނަތީޖާ ބައްޓަންވަނީ މީހާގެ އުޅުމާ ގުޅުންތަކުގެ މައްޗަށެވެ.

ޙައްޖުގެ މަތިވެރި ދަތުރު ނިންމައި އަމިއްލަ ވަޒަނަށް އެނބުރި އަންނަ ވަގުތަކީ ފޮނި ހަނދާންތަކާއި ރޫޙާނީ ތާޒާކަމެއް ހިތުގައި ބިންވަޅު ނެގިފައި ހުންނަ ވަގުތެކެވެ. ރަނގަޅުގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރާ މީހާ އޭނާގެ މަންމަގެ ބަނޑުން ނުކުމެގެން އައި ފަދައިން މާތް ﷲ އޭނާ ފާފައިން ޠާހިރު ކުރައްވައެވެ. އެ ޠާހިރުކަން ދެމެހެއްޓުމަކީ ކޮންމެ ޙައްޖުވެރިއެއްގެ އެންމެ ބޮޑު ޒިންމާއަށް ހަދަން މަސައްކަތްކުރަންވާނެއެވެ.

ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުމާއި ދަމު ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުޢާ ކުރުމާއި ޛިކުރު ކުރުމާއި ޞަދަޤާތް ދިނުން ފަދަ ސުންނަތް ޢަމަލުތައް ދެމެހެއްޓުން މުހިންމެވެ. ގުޅުންތައް ބަދަހިކޮށް ހެޔޮލަފާ މީހުންނާއެކުވާން ޖެހެއެވެ.

މި މަގުން ކައްސާލައިފި ނަމަ ވަގުތުން ތައުބާވާން ޖެހެއެވެ. ފާފަ ކުރެވޭކަން ފާހަގަ ނުވި ނަމަވެސް ދުވާލެއްގެ ތެރޭ އިސްތިޣްފާރު ކުރުން އާދައަކަށް ހަދާށެވެ.

ޙައްޖުގެ އަޅުކަން އަދާކުރެވުމަކީ ދިރިއުޅުމުގެ ބިޔަ ބަދަލެއްގެ ފެށުމެއް ކަމުގައި ހަދައި ތިބާގެ ހިތާއި ބަހާއި ޢަމަލަށް ޙައްޖުން ކުރި އަސަރު ވަޒަން ކުރާށެވެ.