ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ދޫކުރަން މަޖުބޫރުވި މީހުންގެ ޢަދަދު 117.8 މިލިއަނަށް އަރާފައިވާކަމަށް އދއިން ބުނެފިއެވެ.
އދގެ ރެފިއުޖީންނާބެހޭ އިދާރާ، ޔޫއެންއެޗްސީއާރުން ރިޕޯޓެއްގައި ބުނީ، ދުނިޔޭގެ ޖުމްލަ އާބާދީގެ ނިސްބަތުން، ކޮންމެ 70 މީހަކުން އެކަކު، ގެދޮރު ދޫކުރަން މަޖުބޫރުވެފައިވާ ކަމަށެވެ.
ނަމަވެސް، ފާއިތުވި 10 އަހަރަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންގެ ނިސްބަތް ހަތަރު އިންސައްތަ ދަށްވެފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ޔޫއެންއެޗްސީއާރުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ސަބަބުން ލުބްބާނުގައި ގެދޮރު ދޫކުރަން މަޖުބޫރުވި މީހުންގެ ޢަދަދު މަޑުމަޑުން އިތުރުވަމުންދާ ކަމަށެވެ.
އަދި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން، މިދިޔަ މާޗު މަހުން ފެށިގެން އީރާނުގައި ގެދޮރު ގެއްލުނު މީހުން ޢަދަދު ހަތަރު މިލިއަނަށް ވުރެ މަތިވެފައިވާކަމަށް ވެސް ބުންޏެވެ.
ގެދޮރު ގެއްލުނު މީހުންގެ ޖުމްލަ ޢަދަދުގެ ތެރެއިން، 68.6 މިލިއަން މީހުން ދިރިއުޅެނީ އަމިއްލަ ޤައުމުގައި ވަގުތީ ހިޔާތަކުގެ ދަށުގައެވެ. އަދި ޔޫއެންއެޗްސީއާރުގެ ސީދާ ހިޔާވަހިކަމުގައި 28.5 މިލިއަން މީހުން އެބަތިއްބެވެ.
ފަލަސްޠީނުގައި ވެސް ޔަހޫދީން ހިންގަމުންދާ ނަސްލު ހޭދަކުރުމުގެ ޖަރީމާތަކުގައި 6 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
ގެދޮރު ގެއްލުނު މީހުން، ޔޫއެންއެޗްސީއާރުން ބުނި ގޮތުގައި މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ 7 ޤައުމަށެވެ. އޭގެ ތެރޭގައި، ވެނެޒުއޭލާ، ފަލަސްޠީނު، ޔޫކްރޭނު، ސޫރިޔާ، އަފްޣާނިސްތާނު، ސޫދާނު އަދި ދެކުނު ސޫދާނު ހިމެނެއެވެ.