ޚަބަރު

ވާރލްޑް ކަޕް 2026: ކެނެޑާ ޕްރީ މެޗް


ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ކެނެޑާއިން އަމިއްލަ ގައުމުގައި ނިކުންނައިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކެނެޑާއިން ވަނީ ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ. އެއީ 1986 ވަނަ އަހަރާއި 2022 ވަނަ އަހަރެވެ.

ކެނެޑާ އާއި މެކްސިކޯގެ އިތުރުން އެމެރިކާ ގުޅިގެން ބާއްވާ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ކެނެޑާއިން ނިކުންނައިރު މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވެފަ އެވެ. އަދި ކޮލިފައިންގެ މެޗުތަކެއް ނުކުޅުނު ނަމަވެސް މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކެނެޑާއިން ވަނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެފަ އެވެ.

2026 ވަނަ އަހަރު ކެނެޑާއިން ވަނ އަމިއްލަ ގައުމުގައި ހަތަރު މެޗު ކުޅެފަ އެވެ. އެގޮތުން މިދިޔަ މާޗު މަހު އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އަދި މި ޖޫން މަހު އުޒްބެކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ރިޕަބްލިކް އޮފް އަޔަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.

އައިސް ހޮކީ އާއި އެމެރިކަން ފުޓްބޯޅައަށް މަޝްހޫރު ކެނެޑާއަކީ ފުޓްބޯޅަ އެހާ މަޝްހޫރު ގައުމެއް ނޫން ނަމަވެސް މި މުބާރާތާއިއެކު އެ ގައުމުގައި ފުޓްބޯޅައިގެ ފޯރިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އެމެރިކާގެ ކޯޗު ޖެސީ މާޗްގެ އިރުޝާދުގެ ދަށުން ކެނެޑާއިން ވޯލްޑްކަޕަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާއިރު, ދުނިޔޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ކެނެޑާގެ ޓީމުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ކެނެޑާގެ ކެޕްޓަން, ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ އަލްފޮންސޯ ޑޭވީސް, ޔުވެންޓަސްގެ ޖޮނަތަން ޑޭވިޑް އަދި ސައުތެމްޓަންގެ ކައިލް ލެރިން ހިމެނެ އެވެ.