ޚަބަރު

ވާދަވެރި އިންތިޚާބަކުން މީދޫ ކައުންސިލް ރައީސްކަން ޕީއެންސީއަށް


  • އޭނާ ވާދަކޮށްފައިވަނީ އެމްޑީއޭގެ ކެންޑިޑޭޓާއި

  • އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހުންނަށް ލިބިގެންވޭ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރުބުރުގައި ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބު ކުރައްވައިފިއެވެ.

މީދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.

ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވެއެވެ. މި އިންތިޚާބުގައި އެރަށުގައި ވޯޓުލުން ކުރިއަށް ދިޔައީ، ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ވޯޓުލުމަށް ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ، ހެނދުނު 8:00 އިން 4:00 އަށެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ދ. މީދޫއަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާނީ، 587 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެއަށް ވޯޓުލުމަށް 462 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މި އިންތިޚާބުގައި 985 މީހުން ވަނީ ވޯޓުލާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމްއަށް 529 ވޯޓު ވަނީ ލިބިފައެވެ. އަދި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ، 449 ވޯޓެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރު ބުރެއް ނެގުމަށް ނިންމީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.