ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ފެށީ ވަރަށް ގޯސްކޮށް ކަމަށާއި މެޗުން މޮޅު ނުވެވުނީ އެހެންވެ ކަމަށް ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.
މެޗުގެ ނަތީޖާ ބްރެޒިލަށް ހަމަހަމަ ކޮށްދިން ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސް ބުނީ މޮރޮކޯ ލީޑް ނެގުމުން ބްރެޒިލް ޕްރެޝަރަށް ވެއްޓުނު ކަމަށެވެ.
"އަހަރުމެން ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ. އަހަރުމެން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުރިއަށް ކުޅެން ޖެހޭ. އަހަރުމެން މެޗު ފެށީ ވަރަށް ގޯސްކޮށް. މި މެޗުގައި އިދިކޮޅު ޓީމު ކައުންޓަ އެޓޭކެއްގައި ވަރަށް ވަރުގަދަ، ވަރަށް އަވަސް. އެހެންވީމާ މާގިނަ ވާހަނަ ނުދައްކައި އަހަރުމެން ކަންކަން ރަނގަޅު ކުރަން ޖެހޭ،" މި މެޗުގައި ޖެހި ގޯލާއެކު ބްރެޒިލްގެ ގައުމީ ޓީމަށް 50 ގޯލު ހަމަކުރި ވިނީޝިއުސް ބުންޏެވެ.
ތައްޓަށް ވާދަކުރަން މުބާރާތާ ކުރިމަތި ގައުމުގެ ކޯޗު ކޯޗު ކާލޯ އަންޗެލޯޓީ ވެސް ބްރެޒިލްގެ މީޑިއާތަކަށް ބުނީ ޓީމު ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"މިއީ ވަރަށް އުނދަގޫ މެޗެއް. ވަރަށް ގޯސްކޮށް ގިނަ ކަންކަން ދިޔައީ. އަހަރުމެން ފަހު ހާފުގައި ރަނގަޅަށް ކުޅުނު. އެކަމަކު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ. އަހަރެން އުފަލެއް ނުވޭ،" ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗު ބުންޏެވެ.
ޓީމުގެ ވަކި ޑިޕާޓްމަންޓެއް ރަނގަޅު ކުރަންޖެހޭތޯ އެހުމުން އަންޗެލޯޓީ ބުނީ ރަނގަޅު ކުރަންވީ މުޅި ޓީމު ކަމަށެވެ.
ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލާއި އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާއެކު ގްރޫޕް ސީގައި ދެން ހިމެނެނީ ހައިޓީ އާއި ސްކޮޓްލޭންޑެވެ.