ޚަބަރު

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި


  • އިންތިޚާބުގައި 31،129 މީހުން ވޯޓުލި

  • ރައީސް ނަޝީދަށް 21،301 ވޯޓު

  • މީކާއިލަށް ލިބިވަޑައިގަތީ 9،462 ވޯޓު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި 31،129 މީހުން ވަނީ ވޯޓުލާފައެވެ. ނަމަވެސް ވޯޓުލުމުގެ ޙައްގު 50،000އަށްވުރެ ގިނަ މީހުންނަށް ލިބޭ ކަމަށް އެ ޕާޓީން ނެރުނު ލިސްޓުން ދައްކައެވެ.

މި އިންތިޚާބުގައި 3 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަށް 21،301 ވޯޓު ލިބިވަޑައިގެންނެވިއެވެ.

އެމަނިކުފާނާ މި އިންތިޚާބުގައި އެންމެ ގާތުން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 9،462 ވޯޓެވެ.

މި އިންތިޚާބުގައި ވާދަކުރެއްވި އިބްރާހިމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ރައީސް ނަޝީދު ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ވަނީ ކަށަވަރުވެފައެވެ. އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާޓީފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެ ޕާޓީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެ ޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު އަލުން އަނބުރާ ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހުއެވެ. އެމަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.