ޚަބަރު

ނިމުނު ހަފުތާގައި ކުއްލި ނުރައްކަލުގެ 16 ހާދިސާ


  • އެންމެ ގިނަ ހާދިސާ ރިޕޯޓުކޮށްފައިވަނީ މާލެ ސަރަޙައްދުން

  • އަލިފާނުގެ 5 ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން

ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 16 ހާދިސާއެއް ހިގާފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

ޤައުމީ ދިފާޢީ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 7 އިން 13އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ، 16 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސަރވިސް، އެފްއާރްއެސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ޤައުމީ ދިފާއީ ބާރުން ވިދާޅުވީ މިދިޔަ ހަފުތާގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެފްއާރްއެސް ތަފާސްހިސާބު

  • އަލިފާނުގެ 5 ހާދިސާ
  • ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި 2 ހާދިސާ
  • ކާރިސީ 2 ހާދިސާ
  • ރެސްކިއުކުރުމުގެ 1 ހާދިސާ
  • މެޑިކަލް އިވެކުއޭޝަންގެ 5 ހާދިސާ
  • އެހެނިހެން 1 ހާދިސާ

އަލިފާނުގެ ނުރައްކަލުގެ އެލާމްގެ އެއްވެސް ހާދިސާއެއް މިހަފްތާގައި ހިނގާފައި ނުވާކަން އެމްއެންޑީއެފުން ފާހަގަކުރެވެއެވެ.

ސަރަޙައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓުކޮށްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުންނެވެ. އެއީ ޖުމްލަ 13 ހާދިސާއެވެ. މީގެ އިތުރުން ނޮދަން އޭރިއާ ކޮމާންޑުން 1 ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑުން 2 ހާދިސާ ރިޕޯޓުކޮށްފައިވެއެވެ. ސެންޓްރަލް އޭރިއާ ކޮމާންޑުން މި މުއްދަތުގައި އެއްވެސް ހާދިސާއެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަކީ އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް، ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ސައްވީސް ގަޑިއިރު ތައްޔާރީ ޙާލަތުގައި އޮންނަ، އިޚްލާޞްތެރި އަސްކަރީ މުހިންމު ޚިދުމަތެކެވެ. އެމްއެންޑީއެފުން ވަނީ ކުއްލިހާލަތުގައި އެފަރާތުގެ ހޮޓްލައިން 118އަށް ގުޅުއްވައިގެން ޚިދުމަތް ހޯދެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.