ޚަބަރު

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިރޭވެސް ކުރިއަށްދާނެ


  • މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެ

  • މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް މީގެ ކުރިންވެސް ވަނީ ފޯރުކޮށްދީފައި

ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިރޭވެސް ކުރިއަށް ގެންދާނެ ކަމަށް، މާލެ ވިޔަފާރި ބަނދަރުން ބުނެފި އެވެ.

އެ ކުންފުނިން ވިދާޅުވީ ހަލާކުވާ ޒާތުގެ މުދާ އަވަހަށް ކްލިއަރކުރުމަށް ހަމަޖައްސާފައިވާ ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން ޕެރިޝަބަަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުގެ އެކި ވަގުތުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕޯޓު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް މީގެ ކުރިން ވެސް ވަނީ ފޯރުކޮށްދީފައެވެ.

އެ ކުންފުނިން ހާމަކޮށްފަިއވާ މައުލޫމާތުތަކުން އެނގޭ ގޮތުން، ޖެނެރަލް ކާގޯ ވެސަލް "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރުގެ ނިޔަކަށް ވަނީ ފުރިހަމަކޮށްފައެވެ. މި ބޯޓުން ގެނައިތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ހިމެނެއެވެ.

މީގެއިތުރުން، ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް ވެސް މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. އެ އުޅަނދުގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނިފައި ވަނީ ފިޔާ، އަލުވި އަދި ބިހެވެ.