ޚަބަރު

ސުލްޙައިގެ އެއްބަސްވުމަށްފަހުވެސް ހުރްމުޒް ބޭނުންކުރުމަށް ކުންފުނިތަކުން ފަސްޖެހޭ


މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން ޞުލްޙައިގެ އެއްްބަސްވުމެއް ސޮއިކުރުމަށް ނިންމާފައިވާ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ މައި ވިޔަފާރި މަގެއް ކަމަށްވާ ޙުރްމުޒް ކަނޑުއޮޅި ވަގުތުން ބޭނުން ކުރަން ފެށުމަށް ޝިޕިންގ ކުންފުނިތަކުން ޖެހިލުންވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށާފައެވެ. އެއާއެކު އީރާނުން ވަނީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. އެ މަގަކީ އެލުމިނިއަމްއާއި ގަސްކާނާ ފަދަ މުދާ އުފުލުމަށް ވެސް ބޭނުންކުރާ މުހިންމު މަގެކެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ޖޫން މަހުގެ 18ވަނަ ދުވަހު އެމެރިކާއާއި އީރާނުން ޞުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ބެލެވޭއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ޓޭންކަރުތަށް މިހާރު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަގަކީ ރައްކާތެރި އަދި އަމާން މަގެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.

ޖަޕާނުގެ މިޓްސުއި އޯއެސްކޭ ލައިންސްގެ ސީއީއޯ ޖޮތާރޯ ޓަމޫރޯ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލި ނަމަވެސް ފާއިތުވި މަސްތަކުގެ ތަޖުރިބާއަށް ބަލައި، އެ މަގު ބޭނުން ނުކޮށް ހަފްތާތަކެއް ނުވަތަ މަހެއްހާ ދުވަހު މަޑުކޮށްލުމަކީ ބުއްދިވެރި ކަމެއް ކަމަށް ޝިޕިންގ ކުންފުނިތަކުން ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމްކުރި ނަމަވެސް އޭނާގެ އެ ވިސްނުމަށް ބަދަލު ނުވާނެ ކަމަށެވެ. އަދި ޞުލްޙައިގެ އެއްބަސްވުން ދެމެހެއްޓޭނެ ކަމުގެ ޔަޤީން ކަން ލިބުމުން ނޫނީ އެ މަގު ބޭނުންކުރަން ކުންފުނިތަކުން ފަސްޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަލާމަތީ ކަންކަން އެންމެ އެދެވޭ މިންވަރަށް ޔަޤީންވުމުން ނޫނީ ކުންފުނިތަކުގެ ވިސްނުން ބަދަލުނުވާނެ ކަމަށެވެ. ހަނގުރާމައިގެ ކުރިއެކޭ އެއްގޮތަށް އެ މަގު އަލުން ބޭނުން ކުރުމަށް ކަމާ ގުޅުންހުރި ޤައުމުތަކުގެ ސަރުކާރުތަކާއި އިންޝިއުރެންސް ކުންފުނިތަކާއި ގުޅުންހުރި އެހެން ފަރާތްތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިޓްސުއި އޯއެސްކޭ ލައިންސްއަކީ ޖަޕާނުގެ އެންމެ ބޮޑު ތިން ޝިޕިންގ ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ. އެ އެ ކުންފުނީގެ ފްލީޓުގައި ބަލްކު ކެރިއަރާއި ޓޭންކަރާއި ފެރީ ހިމެނޭހެން 900އަށްވުރެ ގިނަ އުޅަނދު ހިމެނެއެވެ.