28 އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅުނު މެޗުގައި، އޮސްޓްރިއާ އިން މުހިންމު މޮޅެއް ހޯދައިފިއެވެ.
މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 މުބާރާތުގައި އޮސްޓްރިއާއިން ފުރަތަމަ މެޗުގައި ނުކުތީ ޖޯޑަންއާ ދެކޮޅަށެވެ.
އެމެރިކާގެ ސޭން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އޮސްޓްރިއާ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އޮސްޓްރިއާއިންނެވެ. ފުރަތަމަ ހާފުގައި، މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮމާނޯ ޝްމިޑްއެވެ.
މި ހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.
ދެވަނަ ހާފު ފަށައިގެން ޖޯޑަންއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، މި ހާފުގެ ފަސްވަނަ މިނެޓުގައި އެޓީމުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ ޖޯޑަންގެ ވޯލްޑް ކަޕުގެ ފުރަތަމަ ލަނޑު ޖެހުމުގެ ޝަރަފު ހޯދީ އަލީ އޮލްވާނެވެ.
އޭގެ އިރުކޮޅެއް ފަހުން މާކޯ އަރްނޮޓޮވިޗް ފޮނުވާލި ހަމަލާއެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ. އެއީ އަރްނޮޓޮވިޗް ލަނޑުޖެހުމުގެ ކުރިން އޮސްޓްރިއާގެ ސްޓެފަން ޕޯޝްގެ އަތުގައި ބޯޅަ ޖެހިފައިވާތީއެވެ.
އޮސްޓްރިއާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ 76 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން އެ ޓީމުން ތަނަވަސްކުރި ފުރުސަތެއްގައި ޖޯޑަންގެ ޔަޒާން އަލް އަރަބްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގައި އޮސްޓްރިއާއިން ޖެހި ފަހު ލަނޑަކީ މެޗުގެ އިތުރުވަގުތުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑެކެވެ. މިއީ އިތުރުވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ތެރެއިން ފަހު މިނެޓުގައި އޭރިއާ ތެރެއިން ޖޯޑަންގެ ސަލީމް އޮބެއިދުގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި އަރްނޮޓޮވިޗް ކާމިޔާބުކުރި ލަނޑެކެވެ.
މި މޮޅާއެކު އޮސްޓްރިއާއަށް ވަނީ ގްރޫޕް ޖޭގެ ދެވަނަ މަގާމު ލިބިފައެވެ. މި ގުރޫޕުގެ އެއްވަނަ ލިބެނީ އަލްޖީރިއާގެ މައްޗަށް 0-3 އިން ކުރިހޯދި، އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއަށެވެ.