ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރަމުންދާ ކުދި އަދި އާ ޓީމުތަކުން ދައްކަމުންދާ ހިތްވަރު ގަދަ މޮޅު ކުޅުމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ތައުރީފް ކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް ޖޭގައި މިމުބާރާތުގައި މުޅިން އަލަށް ވާދަކުރި އުރުދުން އާއި ކުޅެ ވަރަށް އުދަގުލުން އެމެޗު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
އުރުދުން އާއި ދެކޮޅަށް ކުޅުނު މިމެޗު އޮސްޓްރިއާއިން 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކުރި ނަމަވެސް މިމެޗުގެ ބައެއް ވަގުުތުތަކުގައި އޮސްޓްރިއާ ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. އަދި މިމެޗުގައި ފޭވަރިޓުންގެ ގޮތުގައި އޮސްޓްރިއާ ކުޅުނު ނަމަވެސް އެޓީމަށް މެޗުގެ ނަތީޖާ ކަށަވަރު ވެގެންދިޔައީ އިތުރު ވަގުތުގެ 12 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިޔާ މާކޯ އަނޯޓޮވިޗް ކާމިޔާބު ކޮށްދިން ޕެނަލްޓީއިންނެވެ.
ރަންގްނިކް ހާމަކުރިގޮތުގައި މިމެޗުގެ ގިނަ ވަގުތުތަކުގައި އުރުދުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގައި އުރުދުންގެ ފަރާތުން އުނދަގުލާއި ކުރިމަތިވާނެކަން ކުރިންވެސް އިހްސާސް ކުރެވުނު ކަމަށާއި ނަމަވެސް މެޗުގައި ފެނިގެންދިޔައީ ހީކުރި ވަރަށް ވުރެ ރަނގަޅު ކުޅުމެއް ކަމަށެވެ.
ރަންގްނިކްވަނީ މިފަަހަރު މުބާރާތުގައި ބޭނުން ކުރަމުންދާ ޓްރިއޮންޑާ ބޯޅަ އާއި ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މިބޯޅައިގާ ރަނގަޅަށް ޖަހާލައިފި ނަމަ އެބޯޅަ ވަރަށް ބާރަށް ދަތުރު ކުރަކަން ފާހަގ ކުރެވިފައިވާ ކަމަށާއި މިގޮތުން މިމެޗުގައި އޮސްޓްރިއާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑާއި އުރުދުން އިން އެއްވަރު ކުރި ލަނޑު އޭނާ ފާހަގަ ކުރިއެވެ.
އުރުދުންގެ ކޯޗު ޖަމާލް ސެލާމީ ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެޗު މުޅި އުރުދުން ފަހުރުވެރިވުން ހައްގު ކަމަށެވެ.
އޮސްޓްރިއާ ޓީމުގައި ގިނައީ ޔޫރަޕްގެ ފާހަގަ ކޮށްލެވޭ ލީގު ތަކުގައި ކުޅޭ ކުޅުންތެރިން ކަމަށާއި އޭގެ ބަދަލުގައި އުރުދުން ޓީމުގައި ހިމެނެނީ ފަރަންސޭސިވިލާތުގައި ކުޅޭ ކުޅުންތެރިޔަކާއި ކޮރެއާ ގައި ކުޅޭ އެންމެ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން މިމެޗުގައި އުރުދުންގެ ފަރާތުން ފެނުނު ކުޅުމާއި މެދު އުފާކުރާ ކަމަށެވެ.