އީރާނާއި އެމެރިކާއާ ދެމެދު އެކުލަވައިލި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން، ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅިގެން، އެމެރިކާއިން އީރާނުގެ ކަނޑުގެ ސަރަޙައްދު ވަށައިގެން ޤާއިމުކޮށްފައިވާ ޙިޞާރު ފޫއަޅުވާލައި، އީރާނުގެ ތެޔޮ ޓޭންކަރުތައް ދަތުރުކުރަން ފަށައިފިއެވެ.
ކަނޑު އުޅަނދުފަހަރުގެ މަޢުލޫމާތު އެއްކުރާ ޖަމްޢިއްޔާތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެތައް މިލިއަން ފީފާ ތެޔޮ ހިފައިގެން، އީރާނުގެ ތިން ޓޭންކަރެއް ވަނީ ދަތުރުކޮށްފައެވެ.
އެމެރިކާގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނާއި އެމެރިކާއާ ދެމެދު އަންނަ ހުކުރު ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން އީރާނަށް ތެޔޮ ވިއްކުމުގެ ޙުއްދަ ވަގުތުން ދޭން ފަށާނެއެވެ.
ނަމަވެސް، އީރާނުން މިހާރު ވެސް ތެލުގެ އެކްސްޕޯޓު މަޑުމަޑުން ފަށާފައިވާކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިކަމުގެ ސަބަބުން މެދުއިރުމަތީގެ ތެލުގެ ސަޕްލައި އިތުރުވާނެ ކަމުގެ އުއްމީދު ބޮޑުވެ، މިދިޔަ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ދަށް މިންވަރަކަށް ވެއްޓިފައެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ އެކު، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ އެކު، އެމެރިކާއިން ވަނީ ރައްދުގައި އީރާނު ވަށައިގެން ކަނޑުގެ ސަރަޙައްދު ހިސާރުކޮށް، އީރާނުން މުދާ ބޭރުކުރުމާއި އެތެރެކުރުން ވެސް މަނާކޮށްފައެވެ.
އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން މެއި މަހު އީރާނުގެ ތެޔޮ އެކްސްޕޯޓް ވަނީ ދުވާލަކު 260،000 ފީފާއަށް ދަށްވެފައެވެ.
ނަމަވެސް މި ބަދަލާއެކު އީރާނުގެ ތެޔޮ ސިނާއަތަށް އާ ދިރުމެއް ލިބޭނެ ކަމަށް ވިޔަފާރީގެ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.
ސުލްޙައިގެ އެއްބަސްވުމުގެ ތަފްސީލީ މާއްދާތައް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލަން ޖެހެއެވެ.
ރޮއިޓާރސް ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށާއި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އިތުރު 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްވެސް ވަނީ ކަނޑައަޅާފައެވެ.