ފީފާ ވޯލްޑްކަޕްގެ ގްރޫޕް ބީ ގެ ދެވަނަ މެޗަށް މިރޭ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާ އިން ގަތަރާއި ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ފުރަތަމަ މެޗުގައި މި ދެ ޓީމު ކުޅުނު މެޗުވެސް ވަނީ އެއްވަރުވެފަ އެވެ.
ކެނެޑާގެ ވެންކޫވާރގެ ބީޕީ ޕްލޭސް ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް މި ދެ ޓީމު ނިކުންނައިރު މިއީ ފީފާ ވޯލްޑްކަޕްގައި މި ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މި ދެ ޓީމު ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާނުކޮށްފައިވަނީ ކެނެޑާ އެވެ.
ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވުމަށް ކެނެޑާ އިން މިރޭ ގަތަރާއި ދެކޮޅަށް ނިކުންނައިރު މި މެޗުން ކޮންމެ ޓީމެއް މޮޅުވިނަމަވެސް އެ ޓީމަކަށް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވާނެ އެވެ. މީގެ ކުރިން ކެނެޑާގެ އިތުރުން ގަތަރުވެސް ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ކޮލިފައިވެފައެއް ނުވެއެވެ.
ފީފާ ވޯލްޑްކަޕް 2026 ގެ ދެވަނަ މެޗަށް ކެނެޑާ އާއި ގަތަރު މިރޭ ނިކުންނައިރު މި މެޗުގެ ޕްރެޝަރ ހުރިހާ ގޮތަކުންވެސް ބޮޑި ކެނެޑާ އަށެވެ. މުބާރާތް ބާއްވާ ގައުމުގެ އިތުރުން ފީފާ ރޭންކިންގައި ކެނެޑާ 30 ވަނައިގައި އޮތް އިރު ގަތަރު އޮތީ 56 ވަނައިގަ އެވެ.
ގަތަރުގެ ކޯޗު ހޫލިއަން ލަޕޮޓީގް މި މެޗުގެ ކުރިން ބުނެފައިވަނީ ގަތަރަކީ ކުޑަ ގައުމެއް ކަމަށާއި އެހެންކަމުން އެ ޓީމަށް މާ ބޮޑު ޕްރެޝަރެއް ނޯންނާނެ ކަމަށެވެ. އަދި އެ ޓީމުގެ ހުރިހާވެސް އުންމީދަކީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުން ކަމަށްވެސް ލަޕޮޓީގް ވަނީ ބުނެފަ އެވެ.
ކެނެޑާގެ ކޯޗު ޖެސޭ މާޗް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު އެ ޓީމުގެ ޓާގެޓަކީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުން ކަމަށާއި އަދި އެ އަށްވުރެ ކުރިއަށް ދާން ބޭނުންވާނަމަ ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބޮސްނިއާ އާއި އެއްވަރުވި މެޗަށްފަހު ކުޅުންތެރިންނަށް އޮތް ޕްރެޝަރ ކުޑަކުރުމުގެ ގޮތުން މާޝް ވަނީ ކުޅުންތެރިންނަށް އޮތް ޕްރެޝަރ ކުޑަކުރުމުގެ ގޮތުން ވީޑިއޯ ގޭމް ކުޅުން ފަދަ ހަރަކާތްތަކެއް ޓީމުގެ ތެރޭގައި ހިންގާފަ އެވެ.
މުޝާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި ކެނެޑާ މި މުބާރާތުގައި ވާދަކުރާއިރު ކެނެޑާގެ ޓީމުގެ ފަރާތުން މި މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.