ޚަބަރު

މި މުބާރާތުން ޑަބްލިއުޓީއެން ރޭޓިންގ ލިބިގެންދާނެ: އިގްނާޒް


  • މި ރޭޓިންގ ގެ ސަބަބުން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވާން ފަސޭހަވާނެ

  • މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރަމުންދޭ

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ 13 ވަނަ މެރީބްރައުން ޗެމްޕިއަންޝިޕަކީ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އިން ދޭ ވޯލްޑް ޓެނިސް ނަންބަރ (ޑަބްލިއުޓީއެން) ގެ ރޭޓިންގއެއް ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެ ފުރަތަމަ މުބާރާތް ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް، އިގްނާޒް މަންޞޫރު ވިދާޅުވެއްޖެއެވެ.

މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އިގްނާޒް ވަނީ މި މުބާރާތަކީ ސީނިއަރ ލެވަލްއަށް ދާން ބޭނުންވާ ޖޫނިއަރ ކުޅުންތެރިންނަށްވެސް ވަރަށް ފަހި ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރާ ހުރިހާ ކުޅުންތެރިންނަށްވެސް އައިޓީއެފްގެ ވޯލްޑް ޓެނިސް ނަންބަރ ރޭޓިންގއެއް ލިބޭނެކަން އިގްނާޒް ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް ހުރިހާ ޖޫނިއަރ ކުޅުންތެރިންނަށް، ކުޅެގެން ސީނިއަރ ލެވަލްއަށް ކުރިއަށް ދާން. ދެން ހަމަ ފާހަގަކޮށްލަން މި މުބާރާތަކީ މިފަހަރު އިންޓަނޭޝަލް ޑަބްލިއުޓީއެން ރޭޓިންގ ލިބޭ ފުރަތަމަ މުބާރާތް. އެހެންވީމަ މި މުބާރާތުގަ ކުޅޭ ހުރިހާ ކުޅުންތެރިންނަށް ޑަބްލިއުޓީއެންގެ އިންޓަނޭޝަނަލް ރޭޓިންގ ޕޮއިންޓްސް ލިބޭނެ މި މުބާރާތުން." އިގްނާޒް ވިދާޅުވިއެވެ.

އިގްނާޒް އިތުރަށް ވަނީ، ޓެނިސް އެސޯސިއޭޝަނުން މިހާރުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ބާއްވާ މުބާރާތްތަކުގައި އެންމެ މޮޅެތި ދިވެހި ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މިހާރުވެސް ދިވެހި ކުޅުންތެރިންނަށް ބޭރުގެ އެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން އިގްނާޒް ފާހަގަކުރެއްވިއެވެ.

ވޯލްޑް ޓެނިސް ރޭޓިންގ ނުވަތަ ޑަބްލިއުޓީއެން އަކީ، ދުނިޔޭގެ ޓެނިސްގެ މައި އިދާރާ، އައިޓީއެފްގެ ބެލުމުގެ ދަށުން ދެވޭ ރޭޓިންގ އެކެވެ. 1-40 އާ ދެމެދުން ދެވޭ މި ރޭޓިންގުން ދައްކުވައިދެނީ އެ ކުޅުންތެރިއަކު މިވަގުތު ޓެނިސްގެ ދާއިރާގައި ހުރި ހިސާބެވެ. ރޭޓިންގ 1 ލިބޭނީ ދުނިޔޭގެ ނިސްބަތުން ގުނާލެވޭ އެންމެ މޮޅެތި ކުޅުންތެރިންނަށެވެ. މި ރޭޓިންގ ދެވޭނީ ކުޅުންތެރިއަކު މުބާރާތްތަކުގައި ބައިވެރިވާ މިންވަރުފަދަ ކަންކަމަށް ބެލުމަށްފަހުއެވެ.

މި ރޭޓިންގ ގެ ސަބަބުން ކުޅުންތެރިން ފަރިތަކުރުމުގެ މެޗުތައް ކުޅުންފަދަ ކަންކަމަށް، އެކުޅުންތެރިއެއްގެ ރޭޓިންގ ޕޮއިންޓާއި ގާތް އެހެން ކުޅުންތެރިން ހޯދުމަށްވެސް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ޑަބްލިއުޓީއެން ރޭޓިންގ ލިބިފައިވާ ކުޅުންތެރިންނަށް ފަސޭހައިން ލިބޭނެއެވެ. އަމިއްލަ ގައުމުގައި ކުޅެވޭ މިފަދަ މުބާރާތްތަކަކީ އެކުޅުންތެރިއެއްގެ ރޭޓިންގ މަތިކުރުމަށް ލިބޭ ރަނުގެ ފުރުސަތުތަކެކެވެ.