ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: މޮރޮކޯ - ސްކޮޓްލޭންޑް


  • ސްޓޭޑިއަމް: ބޮސްޓަން ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 03:00

ފީފާ ވޯލްޑްކަޕްގައި މިރޭ މޮރޮކޯ އާއި ދެކޮޅަށް ސްކޮޓްލޭންޑް ނިކުންނައިރު ގްރޫޕް ސީ ގެ އެއްވަނައިގައި މި ވަގުތު އޮތީ ފުރަތަމަ މެޗުގައި ހެއިޓީ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ސްކޮޓްލޭންޑް އެވެ. މޮރޮކޯ ވަނީ ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފަ އެވެ.

36 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ސްކޮޓްލޭންޑް އިން ފީފާ ވޯލްޑްކަޕްގެ މެޗަކުން ފުރަތަމަ ފަހަރަށް މޮޅުވެފައިވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ހެއިޓީ އަތުންނެވެ. މިރޭ މޮރޮކޯ އަތުން އެ ޓީމު މޮޅުވެއްޖެނަމަ ސްކޮޓްލޭންޑްގެ ފުޓްބޯޅައިގެ ތާރީޚުގުއިވެސް ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ކޮލިފައިވާނެ އެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ހޯދާފައިވާ މޮރޮކޯ އިން މި މެޗަށް ނިކުންނައިރު ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުމާއިއެކު މޮރޮކޯގެ އުމުރުން 18 އަހަރުގެ އައްޔޫބު ބުއަދީ އަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފަ އެވެ. ފްރާންސަށް އުފަން ބުއަދީ މޮރޮކޯ އަށް ކުޅެން ނިންމާފައިވަނީ އޭނާއަށް ފްރާންސްގެ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބޭނެކަން ކަށަވަރު ވުމުންނެވެ.

މޮރޮކޯ އާއި ސްކޮޓްލޭންޑް ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މޮރޮކޯ އެވެ.

މިރޭގެ މެޗަށް މި ދެ ޓީމު ނިކުންނައިރު މޮރޮކޯ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ, ތިން މެޗުން މޮޅުވެފައިވާއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ސްކޮޓްލޭންޑް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މި މެޗަށް ނިކުންނައިރު ސްކޮޓްލޭންޑްގެ ކޯޗު ސްޓީވް ކްލާކް ބުނެފައިވަނީ މިއީ ހުރިހާ ގޮތަކުން އުނދަގޫ މެޗަކަށް ވާނެ ކަމަށާއި މޮރޮކޯ އަކީ ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅޭ ޓީމެއް ކަމަށާއި އެހެންކަމުން އެ ޓީމަށް ބޯޅަ ލިބޭ ފުރުސަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ.