ޚަބަރު

ކޯނޭގެ ފައި ބިންދައިގެންދިޔަ އަޑު ކެނެޑާ ބެންޗަށް އިވުނު


  • ކެނެޑާއިންވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި މެޗަކުން މޮޅުވެފައި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ ކެނެޑާ އާއި ޤަތަރު ބައްދަލުކުރި މެޗުގައި ކެނެޑާގެ މެދުތެރެއަށް ކުޅޭ އިސްމާއީލް ކޯނޭގެ ފައި ބިންދައިގެން ދިޔަ އަޑު ކެނެޑާ ބެންޗަށް އިވުނު ކަމަށް އެޓީމުގެ ކޯޗު ޖެސީ މާޝް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ މިމެޗަށްފަހު ނޫންވެރިންނާއި ވާހަކަ ދައްކަމުންނެވެ. މާޝް ހާމަކުރިގޮތުގައި މިހާދިސާ ހިނގާފައިވަނީ ކެނެޑާ ބެންޗު ކުރިމަތީ ކަމަށާއި އަދި ޤަތަރުގެ އާސިމް މަޑީބޯ ޓެކްލް ކުރުމާއެކު ކޯނޭގެ ފައިން ކަށިގަނޑު ބިންދައިގެންދިޔަ އަޑު ބެންޗަށް އިވިގެންދިޔަ ކަމަށެވެ. އަދި ހަމަ ވަގުތުން މިއީ ޓަހޯން ބުޗަނަންއަށް 2024 ވަނަ އަހަރު ފަރިތަކުރުމުގެ ތެރޭގައި ލިބިގެންދިޔަ އަނިޔާ އާއި އެއްގޮތް އަނިޔާ އަކަށް ވެގެންދާނެކަމަށް އޭނާއަށް ގަބޫލް ކުރެވުނު ކަމަށް މާޝް ފާހަގަ ކުރިއެވެ.

ކޯނޭއަކީ ކެނެޑާ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމުން އޭނާއަށް ލިބިގެންދިޔަ މިއަނިޔާގެ އަސަރު މުޅި ޓީމަށް ކުރިކަން އޭނާ ފާހަގަ ކުރިއެވެ. މާޝް ހާމަކުރިގޮތުގައި އޭނާ އަދި ކޯނޭ އާއި ވާހަކަ ދެއްކޭގޮތް އަދި ނުވާ ކަމަށާއި ނަމަވެސް އޭނާ މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ވަރަށް އަވަހަށް އޮޕަޜޭޝަން ކުރެވިގެންދާނެކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މާޝް ބުނީ މަޑީބޯ ކެނެޑާ ޗޭންޖިންގ ރޫމަށް ގޮސް ކޯނޭ ކައިރިން މައާފަށް އެދިފައިވާކަމަށެވެ. އަދި އެކަން ކޯނޭވަނީ ޓީމާއި ހިއްސާ ކޮށްފައެވެ. އެހެން ކަމުން މިއީ މަޑީބޯ ގަސްދުގައި ކޯނޭއަށް އަނިޔާ ކުރުމުގެ ބޭނުމުގައި ކުރި ފައުލެއް ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭނާއަށް ރަތް ކާޑު ދެއްކުމުން ޤަތަރުގެ ބެންޗުން ރިއެކްޓް ކުރިގޮތް އޭނާއަށް އެއްވެސް ވަރަކަށް ގަބޫލް ނުކުރެވޭ ކަމަށެވެ. ޤަތަރާއި ބައްދަލުކުރި މެޗު 6 ލަނޑު ސުން ލަނޑުން މޮޅުވެ ވޯލްޑް ކަޕްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ކެނެޑާއިން މެޗަކުން މޮޅުވުމުގެ އުފަލަށް މިވަނީ ކޯނޭއަށް ލިބިގެންދިޔަ އަނިޔާގެ ހިޔަނި އެޅިގެން ގޮސްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޤަތަރުގެ ކޯޗު ހޫލެން ލޮޕެޓެގޫ ވަނީ ކޯނޭައަށް އަވަސް ޝިފާއަކަށް އެދޭކަން ހާމަކޮށްފައެވެ. އަދި އެއަށްފަހު ލޮޕެޓެގޫ ބުނީ އޭނާއަށް އޮތީ ދެ ގޮތް ކަމަށާއި އެއީ ރެފްރީގެ ވާހަކަ ދައްކާ މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ދެއްކުން ނޫނީ އޭނާގެ ބާރުގެ ދަށުގައި ވާކަންތައް ކަމަށްވާ ކުޅުންތެރިން ކުރިއަށް އޮތް މެޗަށް ތައްޔާރު ކުރުމަށް ވިސްނުން ކަމަށެވެ. އަދި މިމެޗުގެ ނަތީޖާ އެންމެ ބޭނުންވި ގޮތަށް ނުނިކުން ނަމަވެސް ކުރިއަށް އޮތް މެޗަށް ފުރިހަމައަށް ތައްޔާރުވެ މޮޅު ކުޅުމެއް ދެއްކުން ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަ ކުރިއެވެ.

މިމުބާރާތުގައި ޤަތަރު ކުޅޭ ފަހު މެޗުގައި ނިކުންނާނީ ބޮސްނިއާ އާއި ދެކޮޅަށެވެ. އަދި ކެނެޑާ ބައްދަލުކުރާނީ ސްވިޓްޒަލަންޑް އާއެވެ.