ޚަބަރު

އަޝްފާޤް، އަސްޢަދު އަދި އަނިލް އެއްޓީމަކަށް


  • 5-4 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ އިސްދަރިވަރުންގެ ޓީމު

  • އިސްދަރިވަރުންގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ފެނުނު

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމަށް 300 ދުވަހަށްވުމުގެ މުނާސަބަތުގައި، އެސްކޫލުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމާއި އެސްކޫލުގެ އިސްދަރިވަރުންގެ ޓީމުގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، 4-5 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ އިސްދަރިވަރުންގެ ޓީމުންނެވެ. އެޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ 17 އަހަރުން ދަށުގެ ޓީމުން މެޗުގެ ފުރަތަމަ ހާފުގައި 4 ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ.

މި މެޗުގައި މަޖީދިއްޔާގެ އިސް ދަރިވަރުންގެ ޓީމުން ފެނުނު ބައެއް ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް 100 މެޗު، ދެވަނައަށް ހަމަކުރި ކުޅުންތެރިޔާ ކަމަށްވާ ޢަލީ އަޝްފާޤް، އަސްޢަދު ޢަލީ އަދި އިސްމާޢީލް އަނިލްގެ ނަން ފާހަގަކޮށްލެވެއެވެ.

މެޗު ފެށިފައިވަނީ ސްކޫލް ބޭންޑުން، ސްކޫލް ލަވަ ކުޅުމާއެކުއެވެ. އަދި ހާފްޓައިމްގައި، މުނާސަބަތަށް ހާއްސަކޮށްގެން ހަދާފައިވާ ލަވައަކަށް، ސްކޫލް ދަރިވަރުންތަކެއްގެ ހުށަހެޅުމެއް ގެނެސްދީފައި ވެއެވެ.

މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން ޓީމުގެ ކެޕްޓަން، އިބްރާހީމް އިސްމާޢީލް އެވެ. މި މެޗު ބައްލަވާލެއްވުމަށް، މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދުގެ އިތުރުން ސްކޫލަށް 100 އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ބަލަހައްޓާ ކޮމެޓީގެ ޗެއަރ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ބައިވެރިވެޑައިގަތެވެ.

މަޖީދިއްޔާ ސްކޫލް ހިމެނިފައިވަނީ ރާއްޖެއަށް ފުޓުބޯޅައިގެ ދާއިރާއިން ވިދާލާފައިވާ ގިނަ ކުޅުންތެރިންތަކެއް ބިނާކޮށްދިން މަރުކަޒަކަށެވެ. އެ ސްކޫލުން ވަނީ އިންޓަރ-ސްކޫލް ފުޓުބޯޅަ މުބާރާތުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، މިއަހަރުގެ ރާއްޖެ ޖޫނިއަރ މުބާރާތްތަކަށް ބަލާއިރު، 17 އަހަރުން ދަށުގެ ޓީމާއި 14 އަހަރުން ދަށުގެ ޓީމުވެސް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.