ޓިއުނީޝިޔާ އާއި ޖަޕާން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ މެޗަކީ މުބާރާތުގެ 1000 ވަނަ ތާރީހީ މެޗު ކަމަށް ފީފާއިން ބުނެފި އެވެ.
1930 ވަނަ އަހަރު ފެށި ވޯލްޑް ކަޕަށް 96 އަހަރު ވެފައިވާއިރު މި މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓިއުނީޝިޔާގެ މިޑްފީލްޑަރު އިލްޔާސް ޝިރީ ބުނީ މި މެޗުގައި ކުޅުމަކީ ވަރަށް ތާރީހީ ކަމަކަށްވާނެ ކަމަށެވެ.
"މިއީ ވަރަށް ހާއްސަ މެޗަކަށްވާނެ. އަހަރެން މިހުރީ ވަރަށް ކުޅޭ ހިތުން. އެކަމަކު އެންމެ މުހިންމު ކަމަކީ މެޗުން މޮޅުވުން. އަހަރުމެންނަށް އެނގޭ ޖަޕާން ކުޅޭ ގޮތް. އެމީހުންނަކީ ވަރަށް ޑިސިޕްލިން ޓީމެއް. އެކަމަކު ޓީމެއްގެ ގޮތުގައި އަހަރުމެންނަށް ކާމިޔާބު ހޯދިދާނެ،" އިލްޔާސް ބުންޏެވެ.
މުބާރާތުގައި މި ދެ ގައުމު ވެސް މިހާތަނަށް ވަނީ އެއް މެޗު ކުޅެފަ އެވެ. ޖަޕާން އެއްވަރުވީ ނެދަލޭންޑްސް އަތުން 2-2އިންނެވެ. ޓިއުނީޝިޔާ ބަލިވީ ސްވިޑްން އަތުން ފަސް ލަނޑުންނެވެ. މިއާއެކު ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށް މި މެޗަށް ނުކުންނާނީ އައު ކޯޗު ހާވް ރެނާޑްގެ އިރުޝާދުގެ ދަށުންނެވެ.
"އަހަރެން ކުޅުންތެރިންނަށް ވިސްނައިދެނީ ޓީމެއްގެ ގޮތުގައި ކުޅެގެން ނަތީޖާ ނެރެވިދާނެ ކަމަށް. އަހަރެން ދެކޭ ގޮތުގައި ދެ ވަނަ ބުރަށް ދެވެން އޮތް ހަމައެކަނި ފުރުސަތަކީ މި މެޗު. ފަހަރެއްގައި މިއީ އަހަރެން ކުޅުންތެރިންނަށް ދޭ މާވަރުގަދަ ޕްރެޝަރަކަށް ވެސް ވެދާނެ. އެކަމަކު މި ނޫން ފުރުސަތެއް ނެތް،" ސައޫދީ އަރަބިއާގެ ކުރީގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ޓީމާ ހަވާލުވެގެން މިވީ އަދި ދެތިން ދުވަސް ކަމަށާއި މިހާތަނަށް މަސައްކަތް ކުރެވުނީ ހަމައެކަނި ބޭސިކް ރަނގަޅު ކުރަން ކަމަށެވެ.
"އަހަރުމެން މަސައްކަތް މި ކުރަނީ އެންމެ ފުރަތަމަ މެޗުގެ ނަތީޖާ އަށް ބަދަލު ހިފަން. އެކަމަކު އަހަރެން ޓީމާ ހަވާލުވެގެން އަދި މާގިނަ މަސައްކަތްތަކެއް ނުކުރެވޭ،" ކޯޗު ބުންޏެވެ.
މި މެޗުން ބަލިވެއްޖެނަމަ ޓިއުނީޝިޔާ އަށް ދެ ވަނަ ބުރަށް ދިިއުން ދަތިވާނެ އެވެ.
ޖަޕާނުގެ ކޯޗު ހާޖިމީ މޮރިޔާސޫ ބުނީ އައު ކޯޗަކާއެކު ޓިއުނީޝިޔާ މި މެޗުގައި ތަފާތުވާނެ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. އަދި ނެދަލޭންޑްސް މެޗުގެ ނަތީޖާއާއެމު ހިތްހަމަ ނުޖެހޭ ކަމަށެވެ.
"އަހަރުމެންނަށް ފުރަތަމަ މެޗުގައި ނެދަލޭންޑްސް ވަރަށް މޮޅަށް ކުޅުނު. އަދި އަހަރުމެން ވެސް މޮޅަށް ކުޅުނިން. އެކަމަކު އަހަރުމެން މުޅިން މެޗާ މެދު ހިތްހަމަ ނުޖެހޭ. އެހެންވީމާ އަހަރުމެންގެ ހުރިހާ ކުޅުންތެރިންނަށް މި މެޗުން މޮޅުވާން ޖެހޭނެކަމަށް ގަބޫލު ކުރެވޭނެ،" ކޯޗު ބުންޏެވެ.