ޚަބަރު

ކޯލްޑް ސްޓޯރޭޖްތަކާއެކު މަހަށް ރަނގަޅު އަގެއް ހޯދުމުގެ ފުރުޞަތު


  • ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ހުރީ 9500ޓަނުގައި

  • ސަރުކާރުގެ އަމާޒަކީ 25،000އަށް އިތުރުކުރުން

  • މި އަމާޒު 2027ގައި ހާސިލުވާނެ

ކޯލްޑް ސްޓޯރޭޖްތައް އިތުރުވެގެންދިއުމަކީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ލިބޭނެ އެންމެ ބޮޑު ފުރުޞަތުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީއަކީ 9500 ޓަނު ކަމަށެވެ. ނަމަވެސް ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަދަދު 25،000އަށް ބަދަލުކުރުމަށްކަމަށާއި މިމަގުން ވަރަށް ބޮޑެތި، ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި 2027ގެ ނިޔަލަށް މި ޢަމާޒަށް ވާސިލުވެވޭނެކަމަށް ވިދާޅުވިއެވެ.

ތިނަދޫ ސިޓީގައި ޤާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި އަދި މުލަކަތޮޅު މުލަކުގައި ޤާއިމުކުރާ ފެސިލިޓީ މިއަހަރުގެ ޑިސެންބަރު 10އަށް ނިންމާނެކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

އެންމެ ބޮޑު ދެ ކޯލްޑް ސްޓޯރޭޖް ތަރައްޤީކުރަނީ ފެލިވަރު އަދި ކޫއްޑޫގައެވެ. އެއީ ކޮންމެ ފެސިލިޓީއެއްގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެވެ. މީގެއިތުރުން ގދ.ފިޔޯރީގައި 3000 ޓަނު، ފ.ނިލަންދޫގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ފުނައްޑޫގައި ތަރައްޤީކުރާ 1300 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު، ސަރުކާރުން ކަނޑައެޅި ޢަމާޒަށްވުރެވެސް އިތުރަށް ފެސިލިޓީތައް ތަރައްޤީކުރެވޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ މަސް ފިނިކޮށް، ރައްކާކުރެވޭނެ އެކަށީގެންވާ ނިޒާމުތައް ނެތުމަކީ މަހަށް ހަމަ އަގު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަސްކަމަށެވެ. އެގޮތުން މަސް ރައްކާކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން، އެންމެ އަވަހަށް ހުށައަޅާ އަގުގައި ބޭރުގެ ކުންފުނިތަކަށް މަސް އެކްސްޕޯޓް ކުރަން މަޖުބޫރުވާކަމާށެވެ. ނަމަވެސް މި ފެސިލިޓީތަކާއެކު، ރާއްޖޭގައި މަސް ރައްކާކޮށް، ވާދަވެރި ބާޒާރެއްގައި އަގު ހުށައަޅައިގެން އެންމެ ބޮޑު އަގެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

"މިހާރު މި ލިބޭ މަސްކޮޅު، އެންމެ އަވަހަށް ގަންނަ ބަޔަކަށް ވިއްކާލަން މަޖުބޫރުވޭ. އެއީ މޫސުމީ މަސްވެރިކަމުގައި އެ ރައްކާކުރެވޭނެ ޖާގައެއް ނެތުން. ނަމަވެސް މި ފެސިލިޓީތަކާއެކު ވާދަވެރިކޮށް، އެންމެ ބޮޑު އަގެއް ދޭ ބަޔަކަށް ވިއްކޭނެ ފުރުޞަތު ލިބޭނެ. މީގެސަބަބުން މަހުގެ އަގަށް ރަނގަޅު ބަދަލެއް އައިސް މަސްވެރިންނަށް ރަނގަޅު އަގެއް ދޭން މަގުފަހިވާނެ." ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ މި ބަދަލު ވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު އަދި އެންމެ ހެޔޮ ބަދަލުކަމަށެވެ.

މިހާރު އޮންނަގޮތުން، މަސްވެރިން ބާނާ ހުރިހާ މަސް، އެއްވެސް ލިމިޓެއް ނެތި މިފްކޯއިން ދަނީ ގަންނަމުންނެވެ.

ރާއްޖޭގައި މަހަށް އަގު އެއްކުރުމުގެ މަސައްކަތްވެސް ކުރި ނަމަވެސް، އެއީވެސް ވަރަށް ކުޑަ ކެޕޭސިޓީއެކެވެ. އެހެންކަމުން މަސްދަޅު ބަންދުކުރާ މިންވަރު އިތުރުކުރުމަށް، އިތުރު ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއާއެކުވެސް ބޮޑު ކުރިއެރުމަށް މަސްވެރިކަމުގެ ސިނާއަތަށް ލިބޭނެއެވެ.