ފީފާ ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ހައިޓީ އާއި ބައްދަލުކުރި މެޗުގައި ބްރެޒިލްގެ ކުޅުންތެރިންގެ ފަރާތުން ކުރިން ހީކުރިގޮތަށް ގޯސްތައް ހެދުން މަދުވެފައި ކުޅުން ރަނގަޅުވިތަން ފެނިގެންދިޔަ ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ފާހަގަ ކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ހައިޓީ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުން ބްރެޒިލް މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.
އެންޗެލޯޓީ ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ބޮޑަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ތަން ފެނިގެންދިޔަ ކަމަށެވެ. ނަމަވެސް އަދިވެސް މިޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި ދެން އަންނަ މެޗަކަށް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރާނެކަމަށްވެސް އެންޗެލޯޓީ ފާހަގަކުރިއެވެ. އަދި އޭނާވަނީ ނޮކް އައުޓް ބުރުތަކަށް ދާންވާއިރަށް ގްރޫޕް މަރުހަލާގައި ކުޅެން ލިބޭ މިމެޗުތަކުން ޓީމު އިތުރަށް ވަރުގަދަ ކުރެވޭތޯ ބެލުން މުހިންމު ކަމަން ފާހަގަ ކޮށްފައެވެ.
އެންޗެލޯޓީ ބުނީ މިހާރު މިއޮތް ބްރެޒިލް ޓީމަށް މިމެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކަށް ވިސްނުން މުހިންމު ކަމަށެވެ.
ނަމަވެސް އޭގެ މާނައަކީ އަދި އޭނާ ނޮކް އައުޓް މަރުހަލާތަކަށް ވިސްނުން ނޫން ކަމަށާއި މިހާރު އަމާޒު ހުރީ ސްކޮޓްލަންޑް މެޗަށް ރަނގަޅަށް ތައްޔާރުވެ އެމެޗުގައި މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކޭތޯ ބެލުން ކަމަށެވެ. އަދި އެއާއެކު ގްރޫޕްގެ އެއްވަނަ ހޯދޭތޯ ބެލުން ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ސްކޮޓްލަންޑް އަކީ ފަސޭހަ ޓީމަކަށް ނުވާނެކަމަށާއި އެހެން ކަމުން އެމެޗަށް ރަނގަޅަށް ތައްޔާރުވުން މުހިންމު ކަމަށެވެ.
އެންޗެލޯޓީ ފާހަގަ ކުރިގޮތުގައި ނޭމާއަށް ލިބިފައިވާ އަނިޔާއަށް ފަހު މިހާރު ރަނގަޅު ވަމުން އަންނަ ކަމަަށާއި އަދި މާދަމާ އޭނާ އަމިއްލަ ފަރިތަ ކުރުންތައް ކުރުމަށްފަހު ޓީމާއި އެކު ދެން އޮންނަ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށެވެ. މީގެއިތުރުން ރަފީނިއާއަށް ލިބިގެންދިޔަ އަނިޔާގެ ބޮޑު ކުޑަމިން އަދި ނޭނގޭ ކަމަށާއި އެކަން އެނގިގެންދާނީ ޓެސްޓްތައް ހެދުމުން ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.
ހައިޓީގެ ކޯޗު ސެބަސްޓިއަން މިގްނަރ ފާހަގަ ކުރިގޮތުގައި އޭނާގެ ޓީމުން ބްރެޒިލްގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި އަދި ފެށުންވެސް ރަނގަޅު ކަމަށެވެ.
ނަމަވެސް ހައިޑްރޭޝަން ބްރޭކަށްފަހު މެދުތެރެއިން ކޮންމެވެސް ވަރަކަށް ދޫދެވިގެންދިޔައީ ކަމަށާއި އަދި ބްރެޒިލް ކަހަލަ ޓީމަކަށް ފަޅި ފުރުސަތެއްވެސް ވެގެންދާނީ ބޮޑު ނުރައްކަލަކަށް ކަމަށާއި އަދި އެޓީމުން އޭގެ ފައިދާ ފުރިހަމައަށް ނެގީކަމަށެވެ. އަދި ބްރެޒިލް އިން ދެ ލަނޑު ޖެހުމާއި އެކު ދެން އެނބުރި އައުން ވެގެންދިޔައީ ނާދިރު ކަމަކަށް ކަމުގައި މިގްނަރ ފާހަގަ ކުރިއެވެ.
މި ނާކާމިޔާބީއާ އެކު ހައިޓީ މިހާރުވަނީ މިމުބަރާތުގެ ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ނުދެވޭނެކަން ކަށަވަރު ވެގެން ގޮސްފައެވެ.