ޚަބަރު

މާރުކޭޓް ކޮމްޕްލެކްސް: ކައުންސިލުން ހުރަސްއަޅާތީ ރައީސްގެ ކަންބޮޑުވުން


  • ތަކުރާރުކޮށް އެންގުމުންވެސް ބިން ހުސްކޮށްދީފައެއް ނުވޭ

  • ސަރުކާރުން ދަނީ އެކަމަށް ޙައްލު ގެނައުމަށް މަސައްކަތް ކުރަމުން

  • ރައީސް ވިދާޅުވީ އަންނަ އަހަރު ޑިސެމްބަރަށް މަސައްކަތް ނިންމާނެ ކަމަށް

މާލޭގައި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ނުދީ، ސިޓީ ކައުންސިލުން މަޝްރޫޢަށް ހުރަސްއަޅަމުންދާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި މަސްވެރިންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެއަކީ އެންމެ ގިނަ މަސްވެރިން އުޅޭ އެއް ސަރަޙައްދުކަމަށެވެ. ނަމަވެސް މާލޭގެ މަސް މާރުކޭޓުގެ ޙާލަތު އޮތީ ދަށްކޮށްކަމަށާއި، އެތަނުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑު މަޝްރޫޢުޢެއް އިޢުލާނުކޮށް، އެކަމަށް ބޭނުންވާ އެންމެހާ ކަންކަންވެސް ހަމަޖައްސާފަވާކަމަށެވެ.

މަޝްރޫޢު ހަވަލުކޮށް 4 މަސް ދުވަސްވީއިރު، އޭގެ އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ވަނީ، އެކަމަށް ބޭނުންވާ ބިން ހުސްނުކޮށްދީ ސިޓީ ކައުންސިލުން މަޝްރޫޢުއަށް ހުރަސްއަޅަމުންދާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ފައިސާވެސް މުޅިން ހަމަޖެހިފައިވާ މަސައްކަތްތެއްކަމަށާއި، އެތަށް ގޮތަކުން މަސައްކަތްކޮށްވެސް މިހާތަނަށްވެސް ކައުންސިލުން މިކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ.

އައު މާރުކޭޓް ކޮމްޕްލެކްސްއަކީ ސްޓޭޓް އޮފް ދި އަރޓް ފެސިލިޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގައި މިހާރު ހިންގަމުން އަންނަ ހުރިހާ މާރުކޭޓުތައް އެއް އިމާރާތަކަށް ބަދަލުކުރާނެއެވެ. މަސް މާރުކޭޓް، ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްވެސް ހިންގާނީ އެ އިމާރާތުގައެވެ.

"މަސައްކަތަށް ބޭނުންވާ ކޮންޓްރެކްޓަރ ހަމަޖައްސާ، ފައިސާ ހޯދާ، ހުރިހާ ކަމެއް ހަމަޖެހިފައި އޮންނަތާ 4 މަސް ވެއްޖެ. ކައުންސިލުން އެ ބިން ހަވާލެއް ނުކުރޭ. އެކި އުޒުރާއި ބަހަނާ ދައްކާ އެއްގޮތަކަށްވެސް އެކަން ވާނެ ގޮތެއް ނުދެއްކި. ސަރުކާރުން މިކަމަށް ޙައްލެއް ގެނެސް މިކަން ކުރާނަން. ސަރުކާރުން ކަންކަން ކޮށްދިނުމަށް ރައްޔިތުންނަށް ވީ ވަޢުދަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގައި އެތައް މަސްވެރިންނެއް އުޅޭއިރު، މިއީ އެންމެ މުހިންމު އެއް މަޝްރޫޢުކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އެތަނުގައި ހިންގާ ވިޔަފާރިތަކަށް ވަގުތީގޮތުން ގޮތްތަކެއް ހަމަޖައްސާ، މިކަމަށް މާ ލަސްތަކެއް ނުވެ ޙައްލު ގެނެސް، ސަރުކާރުން މަސައްކަތް ފަށާނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު 10ވަނަ ދުވަހަށް ނިންމާ ޚިދުމަތަށް ގެނައުމެވެ.

މިއީ 6 ފަންގިފިލާގެ އިމާރާތެކެވެ. މުޅި އިމާރާތުގެ ޖާގަ 95،000 އަށްވުރެ ބޮޑުއިރު، އިމާރާތުގައި ތަކެތި ވިއްކުމަށް ޖުމުލަ 455 ކިއޮސްކް ހުންނާނެއެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެކެވެ.

މި މަޝްރޫޢުއަށް ސަރުކާރުން 126.34 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މި ޕްރޮޖެކްޓާއެކު، މާލޭގެ ބާޒާރުމަތީ ސަރަޙައްދަށް ބޮޑު ލުޔެއް ލިބި، އެ ސަރަޙައްދުގެ މަލަމަތި މުޅިން ބަދަލުކޮށްލާނެއެވެ.