އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް، ޔޫކޭގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ "ގޯލްޑް މެޑަލް"އާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ކެންޕޭނެއް ފަށައިފިއެވެ. މި ކެންޕޭން ކުރިއަށްދާނީ ޖުލައި 31ގެ ނިޔަލަށެވެ.
މިއީ އިނގިރޭސިވިލާތުގެ ޓްރެވަލް އޭޖެންޓުންނާއި ރީޓެއިލް ނެޓްވޯކްތަކާ ސީދާ ގުޅުން ގާއިމުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކެންޕެއިނެކެވެ. މި ކެމްޕޭން ބަހާލެވިފައިވަނީ މައިގަނޑު 2 ބަޔަކަށެވެ. ފުރަތަމަ ބައިގައި އިސްކަންދީފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ވިޔަފާރީގެ ހަރަކާތްތަކަށް ކަމަށް ވީއެމްސީން ބުނެއެވެ. މީގެ ދަށުން އިނގިރޭސިވިލާތުގެ ބޮޑެތި ފިހާރަތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް އިޝްތިހާރު ކުރުމާއި، ދަތުރުފަތުރާ ބެހޭ މަޝްހޫރު މަޖައްލާތަކުގައި ރާއްޖެ އިޝްތިހާރު ކުރުން ހިމެނެއެވެ.
ޑިޖިޓަލް މީޑިއާގެ ދާއިރާއިން ބަލާއިރު، މި ކެމްޕޭނަށް ޚާއްސަ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ އިތުރުން ހާހަކަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުންނަށް އަމާޒުކޮށްގެން އީމެއިލް މާކެޓިންގ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން، ކަސްޓަމަރުންގެ ސުވާލުތަކަށް ފުރިހަމަ މައުލޫމާތު ދިނުމަށްޓަކައި ކޯލް ސެންޓަރުތަކުގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ދަނީ ހިންގަމުންކަމަށް ވީއެމްސީން ބުނެއެވެ.
ކެމްޕޭންގެ ދެވަނަ ބައި އަމާޒުކޮށްފައިވަނީ ރާއްޖޭގެ މުއްސަނދި ގޮނޑުދޮށްތަކާއި ރަށްތައް އިޝްތިހާރުކޮށް، "ލަގްޒަރީ" ފަތުރުވެރިކަން ދިގުމުއްދަތަކަށް ކުރިއެރުވުމަށެވެ. މީގެ ތެރޭގައި މަތީ ފަންތީގެ ޓްރެވަލް އެޖެންސީތަކުގައި ރާއްޖޭގެ ބްރޯޝަރުތައް އަހަރު ދުވަހުގެ މުއްދަތަށް ބެހެއްޓުމާއި، ލަގްޒަރީ ފަތުރުވެރިކަމަށް ޚާއްސަ ވެބްސައިޓެއް ގާއިމުކުރުން ހިމެނެއެވެ. އަދި ޓްރެވަލް އޭޖެންޓުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ބުކިންގްސް ހަދާ ފަރާތްތަކަށް އިނާމު ދޭ ޕްރޮގްރާމެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތިންވަނައަށް އެންމެ ބޮޑު މާކެޓެވެ. އަހަރުގެ މިހާތަނަށް ޔޫކޭއިން 83،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ފެށުނު މި ކެމްޕޭނުގެ ސަބަބުން، އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ބުކިންގްސްތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.